26 Jun 2020, 00:59
ގާނޫނީ ވަކީލަކު އަމިއްލައަށް މަރުވުމާ ގުޅިގެން، ގާނޫނީ ވަކީލުން ހިތާމަ ފާޅުކުރަން ފަށައިފި އެވެ.
އޭނާ މަސައްކަތް ކުރާ ލޯ ފާމްގެ އޮފީސް ތެރޭގައި މިރޭ މަރުވެފައި ހުއްޓާ ފެނިފައި ވަނީ ގާނޫނީ ވަކީލު އަބްދުލް ވައްހާބު އަބްދުލް ގާދިރު އެވެ.
އޭނާ އަކީ އަމިއްލަ ލޯ ފާމެއް ކަމަށްވާ ޖަސްޓީސިއާ އެޑްވޮކޭޓްސްގައި މަސައްކަތް ކުރާ ވަކީލެކެވެ. އަދި މީގެ ކުރިން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގަ އާއި ފުލުހުންގެ އިދާރާގައި މަސައްކަތް ކޮށްފައިވާ ގާނޫނީ ވަކީލެކެވެ.
ގާނޫނީ ވަކީލުން ބުނާގޮތުން އޭނާއަކީ ގިނަ ވަކީލުންގެ ގާތް، ވަރަށް މީހުންނަށް ހެޔޮ އެކުވެރި އެކެވެ. ވައްހާބުގެ ކުއްލި ވަކިވުމާއެކު ގިނަ ވަކީލުން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.
ބާ ކައުންސިލުގެ ރައީސް މައުމޫނު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްހާބުގެ ކުއްލި ވަކިވުމާއެކު ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި ކާރިސާގެ ހާލަތްތަކުގައި ވަކީލުންނާ ގާތުން ބާ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް މައުމޫނު ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެފައިވަނީ ވައްހާބުގެ ކުއްލި މަރާ ގުޅިގެން ސިއްހުމެއް ލިބިފައިވާ ކަމަށެވެ. ވަކީލުން ބުނާ ގޮތުން އޭނާއަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ އަދި ދީނީ ކަންކަމަށް ވެސް ލޯބި ކުރި މީހެކެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރި މެމްބަރު އަބުލް މާނިއު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލު ވައްހާބުގެ މަރުގެ މައްސަލާގައި ފުރިހަމަ ފުން ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ދެކޭ ކަމަށެވެ.
ގާނޫނީ ވަކީލު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްހާބު ވަކިވެ ދިޔަ ހަބަރަކީ ގަބޫލުކުރަން ދަތި އަދި އަޑުއަހަން އުނދަގޫ ހަބަރެއް ކަމަށެވެ. އަދި އެމައްސަލަ ތަހުގީގުކޮށްދެއްވުމަށް އޭނާވެސް ވަނީ އެދިފަ އެވެ.
މީގެ އިތުރުން ނަފްސާނީ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމުގެ ކަންކަން ސީރިއަސްކޮށް ނެގުމަށް ވެސް މީހުން އަންނަނީ ގޮވާލަމުންނެވެ. އަދި ނަފްސީ ބަލިތަކުގެ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެފަދަ ކަންކަމާ މެދު މީހުން އަހުލުވެރި ކުރުވުމުގެ މުހިންމުކަން ވެސް މި މަރާ ގުޅިގެން އަންނަނީ ފާހަގަ ކުރަމުންނެވެ.
ވަކީލް ވައްހާބު މަރުވި އިރު، އޭނާގެ އަންބަކާއި ކުޑަ ދަރިއަކު އެބަ ހުއްޓެވެ.