މަލްޓިޕްލޭޔާ އޮންލައިން ގޭމްތައް ކުޑަކުދީން ކުޅޭއިރު އެކަމަށް ބެލެނިވެރިން ސަމާލުވުމަށާއި އެ ކުދީންނަށް ގޭމް ކުޅެން ވަކި ވަގުތެއް ކަނޑައެޅުމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން އިރުޝާދު ދީފި އެވެ.

މިނިސްޓްރީއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ގޭގައި މަޑުކުރާއިރު މިވަގުތު އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ އިންޓަނެޓާއި އިންޓަނެޓާ ގުޅިފައިވާ އެޕްލިކޭޝަންތައް ކަމަށެވެ. އެގޮތުން އިންޓަނެޓް އެކްސެސް ހުންނަ އެޕްލިކޭޝަންތައް ދަނީ ގިނަ އަދަދެއްގެ ކުޑަކުދީންވެސް ބޭނުންކުރަމުން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެގޮތުން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ މަލްޓިޕްލޭޔާ އޮންލައިން ގޭމްތައް ކަމަށްވާ ފޯޓްނައިޓް އާއި ފަބްޖީ އަކީ ކުޑަކުދީންވެސް ބޭނުންކުރާ ތަކެތި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނީ އެތަކެއްޗަކީ ހަނގުރާމައިގެ މައިދާނެއް ތަޖުރިބާ ކުރެވޭގޮތަށް ހަދާފައިވާ ގޭމްތައް ކަމަށާއި ހަތިޔާރު ގެންގުޅުމާއި މީހުން މެރުން އެ ގޭމްތަކުން ދައްކުވައިދޭ ކަމަށެވެ.

އޭގެއިތުރުން ލައިވް ވޮއިސް ޗެޓް ބޭނުންކުރެވޭ އެފަދަ އެޕްލިކޭޝަންތަކުގައި ހަޑި ހުތުރު ބަހުރުވައިން ވާހަކަ ދައްކާ ހަދާ ކަމަށާއި އޭގެ ސަބަބުން ކުޑަކުއްޖާއަށް ނަފްސާނީގޮތުން ގެއްލުން ވުން އެކަށީގެންވާ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

އެހެންކަމުން އެފަދަ ކަންތައްތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކެއް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ ސްކްރީން ޓައިމް ކަނޑައަޅައި ގޭމް ކުޅެން ކުޑަކުދީންނަށް ކަނޑައަޅާފައިވާ ވަކި ހާއްސަ ވަގުތެއް ދިނުމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

އަދި ބެލެނިވެރިން ތިބޭ ތަނެއްގައި އެކުދިން ގޭމް ކުޅުމަށް ބާރުއެޅުން ހިމެނެއެވެ. އޭގެ ސަބަބުން ކުދީންގެ ބަހުރުވައާއި އެކުދީންނަށް ރައްދުވާ ބަސްތައް ބެލެނިވެރީންނަށް މޮނިޓާ ކުރެވޭނެ ކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

އަދި ކުދީންނަށް ގޭމް ކުޅެން ދޭއިރު އެ ގޭމްއަކީ ކުއްޖާގެ އުމުރާ ގުޅުންހުރި ގޭމެއްތޯ ބެލުން މުހިއްމު ކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.