މިއަދު ކޮވިޑް-19 އަށް އިތުރު 17 މީހަކު ޕޮޒިޓިވްވީއިރު އިތުރު 9 މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ޓްވީޓުކުރި ގޮތުގައި އިއްޔެ 18:00 ން މިރޭ 18:00 އާއި ހަމަޔަށް ޕޮޒިޓިވްވެފައިވަނީ 17 މީހެކެވެ.

މިއާއިއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 2،277 އަށް އަރައިފަ އެވެ.

މިއަދު ޕޮޒިޓިވްވެފައިވަނީ:

  • 07 ދިވެހިން

  • 10 ބަންގްލަދޭޝް ރައްޔިތުން

މިރޭ ބަލިން އިތުރު 9 މީހަކު ރަނގަޅުވިކަމަށް އެޗްޕީއޭއިން އިއުލާންކުރިއިރު މިއަދަދާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،848 އަށް އަރައިފަ އެވެ.

މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެވެމުން ދަނީ 416 މީހަކަށެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި 219 މީހަކު ތިބިއިރު 315 އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

ސިއްހީ ކަމާއިބެހޭ ފަރާތްތަކުން ވަނީ މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން މިހާތަނަށް 46،182 ސާމްޕަލް ނަގައިފަ އެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެ އެވެ.

ކޮވިޑާއި ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ސިލްސިލާކޮށް ބާއްވަމުންދަ ނޫސް ކޮންފަރެންސް ވަނީ މިރޭ ކެންސަލްކޮށްފަ އެވެ.

އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 22 މީހެކެވެ. އަދި އޭގެ ކުރީ ދުވަހު ވަނީ 21 މީހަކު ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 ގައި މިހާތަނަށް ރާއްޖެއިން ވަނީ އަށް މީހަކު ނިޔާވެފަ އެވެ. މިގެ ތެރޭގައި އުމުރުން ދުވަސްވީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު ރައްޔިތުން ހިމެނެ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑުގެ ކޭސްއެއް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހު ރިސޯޓަކުންނެވެ. މާލެއިން ފުރަތަމަ ކޭސް ފެނިފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ.

މިއާއިއެކު މާލެ ފުރަބަންދު ކުރެވުނު އިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ބައްޔަށް މާލެއިން ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭގައި ބޮޑު އިންސައްތައަކީ ބިދޭސީންނެވެ.

ދެ މަސް ދުވަހަށްފަހު މިހާރު މާލޭގެ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދެވިފައިވާއިރު ސަރުކާރުން ވަނީ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާނެކަމަށްވެސް އިއުލާންކޮށްފަ އެވެ.