25 Jun 2020, 22:01
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ފާހަގަވާ ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކޮށް އެމީހުންނާ ގުޅޭ ތަހުގީގުތައް ފަށާގައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ތެރޭގައިވެސް ހިޔާނާތުގެ ފައިސާގައި ޖެހުނު ފުލުހުން ތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެމައްސަލަ މަޖިލީހުގެ 241 ކޮމިޓީއިންވެސް ދަނީ ބަލަމުންނެވެ.
ފުލުސް އޮފީހުން މިރޭ ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ފާހަގަވާ ފަސް ފުުލުހެއްގެ އިދާރީ އަދި ޖިނާއީ ތަހުގީގުތަކެއް ކުރަމުންދާ ކަމަށެވެ. އެހެންވެ އެމީހުން މިހާރު ތިބީ މަސްއޫލިއްޔަތުން ދުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
24 އޮކްޓޫބަރު 2019 ވަނަ ދުވަހު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެފައިވަނީ ސަލާމަތީ ހިދުމަތްތައް ހިމެނޭ ގޮތުން ހަތް އޮފިސަރަކަށް ސްޕޮންސަޝިޕް އަދި އެހީގެ ގޮތުގައި ހިޔާނާތުގެ ފައިސާ ލިބުނުކަމުގެ ތުހުމަތު ކުރެވޭތީ، އެ މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުންގެ ތެރޭގައި އިންޓާނަލް ތަހުގީގެއް ކުރަމުން އަންނަ ކަމަށް ރިޔާޒް އޭރު ވިދާޅުވިއެވެ. އޭގެ ފަހުން މިހާރު އަހަރެއްވާން ގާތްވެފައިވާއިރު އަދިވެސް ތަހުގީގު ގޮސްފައި އޮތް ހިސާބެއްވެސް ހާމައެއް ނުކުރެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތަކީ އެ ހިޔާނާތް ރާވައި، އެކަމުގައި އުޅުނު މީހުންގެ ސިޔާސީ ބޭނުން ތަކެއް ހާސިލު ކުރުމަށް ހަރަދުކޮށް، ފައިސާ ހޯދަން ހިންގި ސްކީމެއްކަން ތަހުގީގަަށް އެނގިފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.
އެގޮތުން ތަހުގީގަށް އެކި ފަރާތްތަކުން ދީފައިވާ މައުލޫމާތާއި ލިބެން ހުރި ހެކިތަކަށް ބަލާއިރު، އެންމެ ފުރަތަމަ ފައިސާ ނަގަން ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާނުކޮށް، އިންތިހާބަށް ތައްޔާރުވާން ފެށި ހިސާބުން ކަމަށްވެސް ވަނީ ބުނެފަ އެވެ.