02 Jan 2012, 10:15
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭވެސް ވަނީ ފޯރިގަދަ ދެމެޗެއް ކުޅެފައެވެ. އެންމެ ފަހާގަ ކޮށްލެވުނު މެޗަކީ މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ސަންޑަލޭންޑް ކުޅުނު މެޗެވެ. ރަށުން ބޭރުގައި ސަންޑަލޭންޑްއާއި ދެކޮޅަށް ކުޅުނު މިމެޗުން މެން ސިޓީ ބަލިވެފައިވަނީ 1-0 ލަނޑުންނެވެ.
ލީގް ތާވަލްގެ އެއްވަނައިގައި ސިޓީ އަދިވެސް އޮތް ނަމަވެސް، ރޭގެ މެޗުން ބަލިވުމުން އެޓީމަށް ވަނީ އިތުރު ހުރަހަކާ ކުރިމަތިވެފަ އެވެ. އެއީ ތާވަލްގެ އެއްވަނާގައި އޮވެ، ހަމަޖެހެލުމަށް ލިބުނު ފުރުސަތު ގެއްލުމުންނެވެ.
ރޭގެ މެޗުން ސިޓީ މޮޅުވެ، ތިން ޕޮއިންޓު ކަށަވަރު ކުރިނަމަ، ޕޮއިންޓުގެ ގޮތުން މިވަގުތު އެއްވަރުވެފައިވާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ދެމެދުވާ ފަރަގު ބޮޑުކުރުމަށް އެޓީމަށް ފުރުސަތު ލިބުނީހެވެ. އެހެން ނަމަވެސް ރޭގެ މެޗުން ލިބުނު ބައްޔާއެކު އެފުރުސަތު ސިޓީއަށް މިހާރު ވަނީ ގެއްލިފައެވެ.
ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސަންޑަލޭންޑުން ޖެހީ މެޗްގެ ފަހު މިނެޓުގައެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ ސައުތު ކޮރެއާގެ ޑޮންގް ވޮންޖީ އެވެ.
މިމެޗުން މޮޅުވުމުން ސަންޑަލޭންޑަށްވަނީ ތާވަލްގެ 13 ވަނައަށް ޖެހިލައިފަ އެވެ. މިހާތަނަށް އެޓީމް ކުޅުނު 19 މެޗުން ލިބިފައިވާ 21 ޕޮއިންޓެވެ. ސަންޑަލޭންޑުއަތުން ސިޓީ ރޭ ބަލިވި ނަމަވެސް ތާވަލުގެ އެއްވަނައިގައި އެޓީމް އޮތީ 45 ޕޮއިންޓާއެކު އެވެ. ތާވަލްގެ ދެވަނަގައި އޮތީ މެންޔޫއެވެ. މެންޔޫ ދެ ވަނައިގައި އޮތް ނަމަވެސް އެޓީމަށް ވެސް ލިބިފައި ވަނީ 45 ޕޮއިންޓެވެ. ސިޓީއަށް މިހާރު ތާވަލްގެ އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.
މީގެއިތުރުން ޕްރިމިއާ ލީގުގައި ރޭ ކުޅުނު ދެ ވަނަ މެޗް އެވަޓަން އިން ކާމިޔާބުކުރީ ވެސްޓްބޮރޯމް އާއި ބައްލުކޮށް 1-0 ލަނޑުންނެވެ.