ރައީސް ޔާމީންގެ ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމާއެކު އެ ކޯލިޝަންގެ އެޑްވައިޒަރުކަން ދެއްވައިފިއެވެ.

އެމަނިކުފާނު ޕީޕީއެމަށް ސޮއިކުރެއްވ މިރޭ އިދިކޮޅު ކޯލިޝަނުން މ. ދިމްޔާތުގައި ބޭއްވި ހާއްސަ ހަފްލާގައެވެ. ޕީޕީއެމަށް ސޮއި ކުރެއްވި ފޯމް ޑރ. ޖަމީލް ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލު ކުރައްވާފައެވެ.

ޖަމީލް އެންމެ ފަހުން ހުންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އަދި އެޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަންވެސް ކުރެއްވިއެވެ.

ރައީސް ޔާމީން ވެރިކަމުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު، ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު ޖަލުގައި އޮންނެވުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް އޮތް ހައްލަކީ، ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތްކޮށް، އެމަނިކުފާނު 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރުން ކަަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"މިރޭ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަސުރުމާ ކުލައިގެ މި ބަގީޗާއަށް އަލުން އައުމުގެ ފުރުސަތު ލިބުން،" މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އެމަނިކުފާނުގެ ނައިބު ރައީސްކަމަށް އިންތިހާބުވި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވާާހަކަ ދައްކަވަނީ: ރާއްޖެއަށް އޮތް ހައްލަކީ، ރައީސް ޔާމީން މިނިވަންކޮށް، ވެރިކަމަށް ގެނައުން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަމީލް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ގަނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރެއްވިއެވެ. ނަމަވެސް އިންތިހާބުން ނާކާމިޔާބީ ފަހުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވިއެވެ.

އޭގެ ފަހުން އިދިކޮޅު ހަރަކާތްތަކާ ގުޅިވަޑައިގެން އަމިއްލަފުޅަށް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވިއެވެ.

ޖަމީލް ނައިބު ރައީސްކަމުން ދުރުކޮށްފައިވަނީ ރައީސް ޔާމީންއާއި ޖަމީލާ ދޭތެރޭ ޖެހުނު މައްސަލަތަކަށްފަހު، އޭރު ޕީޕީއެމްގެ މަޖޯރިޓީ އޮތް 18 ވަނަ މަޖިލީހުންނެވެ. އޭރު ރާައްޖެއިން ބޭރުގައި ހުންނަވައިގެން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ފެއްޓެވިއެވެ. އެގޮތުުން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފެއްދެވި އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން (އެމްޔޫއޯ) ގެ ލީޑަރުކަމަށް ވަޑައިގެންނެވިއެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު އަދި ރައީސް ވަހީދުގެ ސަރުކާރުގައި ވެސް މިނިސްޓަރުކަން ވެސް ޑރ. ޖަމީލް ވަނީ ކުރައްވާފައެވެ.