ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތް ތައާރަފުކުރުމަށް ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ތައްޔާރުވެއްޖެ އެވެ.

ބްރޯޑްކޮމް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތް ފެށުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީގޮތުން ހިދުމަތް ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގާނެ ކަމަށެވެ.

އެއީ ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސެންސް ދިނުމުގެ ކުރީން އާންމު ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން ފަށާ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.

ބްރޯޑްކޮމް އިން އިތުރަށް ބުނެފައިވަނީ އެ ޕްރޮޖެކްޓުގެ އެހީގައި ރާއްޖޭގެ މާހައުލުގައި ހިދުމަތްދިނުމުގައި ހިދުމަތް ދޭ ފަރާތްތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ހިދުމަތަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ދެނެގަނެވޭނެ ކަމަށެވެ.

އެއާއެކު ބްރޯޑްކޮމް އިން ވަނީ ޕައިލެޓް ޕްރޮޖެކްޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އެ މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަން ޖެހޭގޮތުގެ އުސޫލު ވަނީ ބްރޯޑްކޮމް އިން އާންމުކޮށްފައެވެ.

އެ އުސޫލުގެ ފަސް ވަނަ މާއްދާގެ ދަށުން އަލަށް ހުޅުވާލެވޭ އެ ފުރުސަތުގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ވަގުތީ ހިދުމަތް ދިނުމަށް ހުޅުވާލެވޭ ދާއިރާއަކީ ތައުލީމީ ދާއިރާއެވެ.

އެހެންކަމުން އެ ދާއިރާގެ ދަށުން ޕައިލެޓް ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ފުރުސަތު މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ހުޅުވާލާފައި ހުންނާނެއެވެ. ފޯމު ފުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީ ނުވަތަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން އެކަމަށް އިއުތިރާޒު ނުކުރާ ލިޔުމެއް ފޯމާއެކު ހުށަހަޅަން ޖެހޭނެއެވެ.