ޕީޕީއެމަށް މަޖުލިހުގެ ގާނޫނީ ހައިސިއްޔަތު ދިނުމަށް އެމްޑީޕީން ދެކޮޅު ހަދާހެދުމަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވެދާނެ ކަމަށް ގަބޫލްކުރެވޭތީ ހަދާ ދެކޮޅު ހެދުމެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ މަޖިލީހުގައި ޕީޕީއެމްގެ ގާނޫނީ ހައިސިއްޔަތު ހޯދުމަށް މަޖިލިހުގެ ކޮމިޓީން ނިންމައި ތަޅުމަށް މައްސަލަ ހުށައެޅިފައިވާ ދަނޑިވަޅެއްގައި އެކަމަށް ތާއިދު ހޯދުމުގެ ގޮތުން އެއްވެސް ބައެއްގެ ފައި ބުޑަށް ވެއްޓި އާދޭސް ދަންނަވައި އެކަން ކޮށްދިނުމަށް އެދި އެމްޑީޕީގެ "ފައިގައި ދޫލައި" ރޮއި އަދޭސްކޮށްގެން އެކަން ކުރަން ނޫޅޭ ކަމަށެވެ.

އެމްޑީޕީގެ އެކި އެކި ބޭފުޅުން މީޑިޔާގައި ޕީޕީއެމަށް މަޖިލިހުގެ ގާނޫނީ ހައިސިއްޔަތު ދިނުމާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުން މަހުލޫފް ވިދާޅުވީ އެމްޑީޕީގެ ފަރާތުން އެއްވެސް ކަމެއް ބޭނުން ވެގެން ނޫޅޭ ކަމަށެވެ.

"އެމްޑީޕީގެ ޕާލިމެންޓް ގުރުޕްގެ މެމެންބަރު ޝިފާޒް ވިދާޅުވެފައި އެބައޮތް ޕިޕީއެމަށް ފުރުސަތުދޭން ތާއިދު ނުކުރަން ޕީޖީން ނިންމި ވާހަކަ. މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ]ގޮތެއް[ ނިންމާފައި ނެތް ވާހަކަ. ޕާލިމެންޓް ގުރޫޕްގެ ލީޑަރު ހިންވަރު ދާއިރާގެ މެންބަރު އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި އެބައޮތް ގޮތެއް ނުނިންމަމޭ. ފަހަރެއްގައި ވެދާނެ ނިއުއިޔާ ]އާ އަހަރު[ ނައިޓާ ދިމާކޮށް ރަނގަޅަށް ހަމަހޭ ނަރައި އުޅޭނީ ކަމަށް ވެސް،" މަހުލޫފް ވިދާޅު ވިއެވެ.

Ahmed Mahuloof (mp3)

މަހުލޫފް ވިދާޅުވީ ޑިއާރްޕީގެ ޓިކެޓްގައި ހޮވުނު ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެމްޑީޕީ އަށް ވަޑައިގެން އޭނާ އަށް މަޖިލިހުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް މަޖިލިހަށް ހުށައެޅުމުން އެކަމަށް އެއްބަސްވެ އެ ފުރުސަތު ދިނުމަށް ތާއިދުކުރި ކަމަށާއި، އެހެންކަމުން އެމްޑީޕީން ޕީޕީއެމަށް މަޖިލިހުގެ ހައިސިއްޔަތު ދިނުމަށް ދެކޮޅު ހަދަންވީ އެއްވެސް ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ޕީޕީއެމަށް މަޖިލިހުގައި ގާނޫނީ ހައިސިއްޔަތު ހޯދައި ދެއްވުމަށް އިސްތުއުފާ ދެއްވުމަށް އެ ޕާޓީގެ ޕީޖީ ގުރޫޕްގައި މެންބަރުން މިހާރު ވެސް އެބަތިބި ކަމަށާއި އެކަން ނިންމާނީ ޕާލިމެންޓް ގުރޫޕްގައި މަޝްވަރާކޮށްގެން ކަމަށެވެ.
ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެފައި ވަނީ ޕީޕީއެމަށް މަޖިލިހުގެ ގާނޫނީ ހައިސއްޔަތު ހޯދައިދިނުމަށް އެ ބޭފުޅާ އިސްތިއުފާ ދެއްވުމަށް ފަހު އަލުން ޕީޕީއެމްގެ ނަމުގައި ކުރިމަތި ލައްވަން ފަސްނުޖެހޭނެ ކަމަށެވެ.