25 Jun 2020, 17:01
ދިއްލީ (ޖޫން 25): އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދިރިއުޅޭ އެންމެން ކޮރޯނާވައިރަހަށް ސްކްރީން ކުރަން އުޅޭކަން އެ ސިޓީން އިއުލާން ކޮށްފި އެވެ.
ނިއު ދިއްލީގެ ސަރުކާރުން އެކުލަވާލި ރޭވުމެއްގައިވާ ގޮތުން އެ ސިޓީގެ ކޮންމެ ގެޔަކަށް އޮފިޝަލުން ގޮސް، އެ ގެއެއްގައި ދިރިއުޅޭ މީހުންގެ ހާލު ބަލާނެ އެވެ. އަދި ކޮވިޑް-19އިގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓު ކުރާނެ އެވެ.
ދިއްލީ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައިވާ ގޮތުން އެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެ މަސައްކަތް ކުރުމަށް ފޮނުވަން ހަމަޖެހިފައި ވަނީ މުނިސިޕަލް ކޯޕަރޭޝަންތަކުގެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ނިއު ދިއްލީ މުނިސިޕަލް ކައުންސިލާއި ނޯތު ދިއްލީ މުނިސިޕަލް ކޯޕަރޭޝަނާއި ސައުތު ދިއްލީ މުނިސިޕަލް ކޯޕަރޭޝަނާއި އީސްޓް ދިއްލީ މުނިސިޕަލް ކޯޕަރޭޝަން ހިމެނެ އެވެ.
ދިއްލީގެ އާބާދީގައި ހިމެނޭ 29 މިލިއަން މީހުން ސްކްރީން ކުރާނެކަން އެ ސިޓީން އިއުލާން ކުރީ، ދިއްލީން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 70،000އަށް ވުރެ އިތުރުވުމުންނެވެ. ދިއްލީއަކީ މިހާރު މުޅި އިންޑިއާއިން ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ސިޓީ އެވެ.
މީގެ އިތުރުން މިއަދު އިންޑިއާއިން ވަނީ ފާއިތުވި 24 ގަޑި އިރު ތެރޭ ރެކޯޑު އަދަދަކަށް މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ އެވެ. އެއީ 16،922 މީހުންނެވެ. އެއާ އެކު މުޅި ގައުމުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 473،105އަށް އަރާފަ އެވެ. އެގައުމުން ބަލީގައި މިހާތަނަށް 14،894 މީހަކު ވަނީ މަރުވެފަ އެވެ.