02 Jan 2012, 09:22
ތެހެރާން (ޖަނަވަރީ 2) : މެދުރާސްތާގެ މިސައިލެއް ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފިކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ޢަސްކަރީ ތަރްޖަމާނެއް ކަމަށްވާ ޖެނެރަލް މަޙްމޫދު މޫސަވީ ވިދާޅުވިގޮތުގައި ބިމުން ވަޔަށް ފޮނުވާ ބާވަތުގެ މެދުރާސްތާގެ މިމިސައިލެއް ތަޖްރިބާކުރީ ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގެ ކައިރީގައި އެޤައުމުން ކުރިޔަށް ގެންދާ ޢަސްކަރީ ފަރިތަކުރުންތަކެއްގައި ޢަސްކަރީ މަނަވަރަކުން ކަމަށާއި މިތަޖްރިބާ ވަރަށް ކާމިޔާބު ކަމުގަ އެވެ.
އީރާނުން އިއްޔެ ތަޖްރިބާކުރި މެދުރާސްތާގެ މިސައިލަކީ މިސައިލާ އިދިކޮޅު ނިޒާމަކުން ވެސް ވައްޓާނުލެވޭ ޒަމާނީ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ މިސައިލެއް ކަމަށް ޖެނެރަލް މޫސަވީ ވިދާޅުވި އެވެ. މީގެދެދުވަސްކުރިން އީރާނުން ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއް ތަޖްރިބާކުރި ކަމަށް ފެތުރުނު ޚަބަރެއް މޫސަވީ ދޮގުކުރެއްވި އެވެ.
ނަމަވެސް ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގެ ކައިރީގައި އީރާނުގެ ކަނޑުގެ ސިފައިން 10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ އަސްކަރީ ތަމްރީންތަކުގައި އެކިރާސްތާގެ މިސައިލްތަކާއި ސަބްމެރިންތަކުން ކަނޑުގެ އަޑިން ފޮނުވާ ޓްރޮޕިޑޯ އާއި ކަނޑުގެ އަޑީގެ މިސައިލްތައް ތަޖްރިބާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން ތަމްރީންތައް ފަށައިގެން މިއުޅެނީ އީރާނުގެ ތެލުގެ ޝިޕްމަންޓްތައް ހުއްޓުވަން އެމެރިކާ އުޅެފި ނަމަ ގަލްފުން ތެޔޮބޭރުކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން ޖެހިދާނެ ކަމަށް އެ ޤައުމުން ބުނެފައި ވަނިކޮށެވެ. މިމައްސަލާގައި އެމެރިކާ އީރާނަށް އިންޒާރެއް ދިނުމުން އީރާން ވަނީ އެ ޤައުމުގެ ޢަސްކަރީ އޮޕަރޭޝަންތައް ހިންގާނީ އެމެރިކާގެ ކިބައިން ހުއްދަ ހޯދައިގެން ނޫން ކަމަށް ބުނެ އެމެރިކާ އަށް ރައްދު ދީފަ އެވެ. -- އަލްޢާލަމް، ޕްރެސްޓީވީ