ވޮޝިންގޓަން (ޖަނަވަރީ 2) : ތާލިބާން ޖަމާއަތަކީ އެމެރިކާގެ ދުޝްމަނެއް ނޫން ކަމަށް ވިދާޅުވެ އެމެރިކާގެ ނައިބު ރައީސް ޖޯބައިޑެން ދެއްކެވި ވާހަކަތަކަށް އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި މަރްޙަބާ ވިދާޅުވެއްޖެވެ.

ކާބުލްގައި ދެއްވި ބަޔާނެއްގައި ކަރުޒާއި ވިދާޅުވީ ތާލިބާނުންނާ މެދު އެމެރިކާ ދެކޭގޮތް ރަނގަނޅު ވުމަކީ އެޖަމާއަތާ ސުލްޙަ ވުމަށް އަފްޣާން ސަރުކާރުން ކުރާމަސައްކަތް ކާމިޔާބުވުމަށް ބާރުލިބޭނެ ކަމެއް ކަމުގަ އެވެ.

މިދިޔަ ހަފްތާގައި ނިއުސްވީކަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނީ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަކީ އެމެރިކާގެ ދުޝްމަނެއް ނޫން ކަމަށާއި ތާލިބާނުންނާ އެކު ސުލްޙަވުމަށް އެމެރިކާ ތާއީދުކުރާ ކަމުގަ އެވެ. ބައިޑެން ވިދާޅުވެފައި ވަނީ ތާލިބާނުން އަލްޤާއިދާއާ ބައިވެރިވެގެން އެމެރިކާގެ މަސްލަޙަތަށް ނުރައްކާ ނުކުރާހާ ހިނދަކު އެޖަމާއަތަކީ ދުޝްމަނެއް ކަމަށް އެމެރިކާ ނުދެކޭނެ ކަމުގަ އެވެ.

ތާލިބާނުންނަކީ އަފްޣާނިސްތާނުގެ އެންމެ ބާރުގަދަ ސިޔާސީ ފަރާތްކަމަށް އެމެރިކާ ޤަބޫލުކުރާކަން ދޭހަވާ ފަދަ ގޮތަކަށްވެސް ބައިޑެން ވާހަކަ ދެއްކެވި އެވެ. ތާލިބާނުންނާ މެދު އެމެރިކާ ދެކޭގޮތް ބަދަލުކޮށް އެޖަމާއަތާއެކު ސުލްހަވުމުގެ ވާހަކަތައް ދައްކަން އެމެރިކާ ފަށާފައި ވަނީ ތާލިބާނުން ޢަސްކަރީ ގޮތުން ބަލިކުރުމަށްޓަކައި އެމެރިކާ އާއި އެމެރިކާއަށް ތަބާވާ ނޭޓޯގެ ޤައުމުތައް ގުޅިގެން ގާތްގަނޑަކަށް 10 އަހަރުވަންދެން ކުރި ދިގުލީ ހަނގުރާމަ، ކޮޅެއްގައިނުޖެހި ތާލިބާނުން ބަލިކޮށްލުމުގައި އެމެރިކާއާއި ޔޫރަޕް މުޅިން ނާކާމިޔާބު ވުމާގުޅިގެންނެވެ.

މިނާކާމިޔާބީއާ އެކު އެމެރިކާ ވަނީ 2014 ވަނަ އަހަރުގެ ނިޔަލަށް އަފްޣާނިސްތާނުން ފޭބުމުގެ ޕްލޭނެއް ފާއިތުވި އަހަރު އިޢްލާންކޮށްފަ އެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް