ދިވެހި ރާއްޖޭގެ ގާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ފަދަ ކޮންމެ ކަމަކުން ވެރިކަން ދިފާއުކުރުމަކީ ސިފައިންނަށް ލާޒިމުކަމެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ކުރި މުޒާހަރާއާ ގުޅިގެން ރާއްޖޭގެ ޓީވީ ސްޓޭޝަންތަކަށް ފޮނުވި ސިޓީއާ ބެހޭ ގޮތުން އެމްއެންޑީއެފުން ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ތާރީހުގައި، ގާނޫނުތަކާ ހަވާލާދީ ބުނެފައި ވަނީ 23 ޑިސެމްބަރުގައި ކުރި މުޒާހަރާއާ ގުޅިގެން ރާއްޖޭގެ ޓީވީ ސްޓޭޝަންތަކަށް އެމްއެންޑީއެފުން ދުރާލައި ސިޓީއެއް ފޮނުވީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ހިނގާފާނެތީ ދުރާލައި ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ބިނާވެފައި އޮންނާނީ އެބައެއްގެ މިނިވަންކަމާއި ފަރުދީ ހައްގުތައް ރައްކާތެރިކުރެވިފައި އޮތް މިންވަރެއްގެ މައްޗަށް ކަމަށެވެ. އަދި ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން އޮތް ގޮތެއްގެ މައްޗަށް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

މިދިޔަ މަހު 23 ވަނަ ދުވަހުގެ މުޒާހަރާ ފެށެން އުޅެނިކޮށް ޓީވީ ސްޓޭޝަންތަކަށް އެމްއެންޑީއެފުން ސިޓީ ފޮނުވުމުން ބްރޯޑްކާސްޓިން ކޮމިޝަނުންނާއި އަމިއްލަ ޖަމާއަތެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެކަން ވަނީ ކުށްވެރިކޮށްފަ އެވެ. އެމްއެންޑީއެފްގެ މި ބަޔާނަކީ އެކަމާ ގުޅިގެން އާއްމުކުރި ބަޔާނެއް ކަމަށް ބެލެވެ އެވެ.