އަންނަ ހަފުތާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ބޭރުން އިތުރު މާލީ އެހީ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޭރުން ވިޔަފާރިތަކަށް އާ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޯތީ ސޯޔާ (ޓިމް) ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)އިން ކުރިއަށްގެންދިޔަ ވެބިނާއެއްގައި ޓިމް ވިދާޅުވީ މި ފައިސާ ބޭނުންކުރާނީ މި ދުވަސްވަރު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަންނަން ބޭނުންވާ އެ ބޭންކުގެ ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އެ ފަންޑިން ލިބެނީ ވަރަށް ރަނގަޅު ރޭޓެއްގައި ކަމަށް ޓިމް ވިދާޅުވި ނަމަވެސް، އެއީ ކޮން ރޭޓެއް ކަމެއް އަދި ފަންޑިން ލިބެނީ ކޮން ތަނަކުން ކަމެއް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އަންނަ ހަފުތާގައި އެ ފަންޑިންއާ ބެހޭ މައުލޫމާތު އާންމުކޮށް ހިއްސާކުރައްވާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ލަފާކުރެވޭ ގޮތުގައި އަންނަ ހަފްތާ ތެރޭގައި ބޭރުގެ އިތުރު މާލީ އެހީއެއް ލިބިގެންދާނެ. އަދި މި ލިބިގެންދާނީވެސް ރަނގަޅު ރޭޓެއްގައި. އަދި މާލީ އެހީ ބޭނުންވާ ކަސްޓަމަރުންނަށްވެސް މީގެ ފައިދާކުރާނެ. އަދި މާލީ އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނާ ހަމަޔަށް އަވަހަށް މި ފައިސާ ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރަން،" ޓިމް ވިދާޅުވި އެވެ.

މީގެ އިތުރުން، ޓިމް ވިދާޅުވީ މިއީ ބޭންކްތަކަށް ލިކުއިޑިޓީއާއި އެނޫން ވެސް ދިމަދިމާލުން ޕްރެޝަރު ބޮޑު ދުވަސްވަރެއް ކަމަށެވެ.

ދުނިޔޭގެ އިގްތިސާދަށް ވެސް މިއަހަރު 10-20 ޕަސެންޓުގެ ހީނަރުކަމެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ބުނަމުންދާ ކަމަށާއި ރާއްޖޭގެ އިގްތިސާދު ހީނަރުވުމާއެކު އިމްޕޯޓަށް ކުރާ ހަރަދު މަދުވުމާއި އަދި ބަޖެޓު ޑެފިސިޓް ބޮޑުވުމުގެ މައްސަލަތަކާ ކުރިމަތިވާނެ ކަމަށް ޓިމް ވިދާޅުވި އެވެ. އިގްތިސާދަށް އަންނަ މި ދަތި ކަމާ ހުރެ، ލޯނުތަކަށް ފައިސާ ނުލިބި ބޭޑް ޑެބްޓް ބޮޑުވެގެން ދިޔުމުގެ ބިރު އޮތް ކަމަށް ވެސް ޓިމް ވިދާޅުވި އެވެ. އެކަމަކު މިއީ މުޅި ދުނިޔެވެސް ތަޖުރިބާ ކުރަމުންދާ ކަމެއްކަން ޓިމް ފާހަގަ ކުރެއްވި އެވެ.

"މިކަންކަމަށް ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ބައެއް ބޭންކްތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތްކޮށް، ކޮވިޑް ރިލީފް ސްކީމުގެ ދަށުން ފައިސާ ދޫކޮށްފައި. މިއީ އިގްތިސާދު ހިންގުމަށް ކޮންމެހެން ބޭނުންވާ ފައިސާ އިގްތިސާދުގެ ތެރެއަށް ވީ އެންމެ އަވަހަށް ދޫކުރަން ވަރަށް އަވަސް ގޮތެއްގައި އެޅި ފިޔަވަޅެއް ކަމަށް އަޅުގަނޑު ދެކެން." ޓިމް ވިދާޅުވި އެވެ.

ބީއެމްއެލްއިން އެކި ފަރާތްތަކާ ގުޅިގެން ރިސޯޓުތަކަށާއި ގެސްޓްހައުސް ސިނާއަތަށް ބޭނުންވާ ފައިސާ ދޫކުރުމަށްޓަކައި 20 މިލިއަން ޑޮލަރުގެ ލެންޑިންގް ސްކީމެއް ކުރިއަށް ގެންދިޔަކަން ޓިމް ފާހަގަކުރެއްވި އެވެ. އަދި ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކް (އީއައިބީ)އިން ސަރުކާރަށް ދޭ ލޯނުގެ 20 މިލިއަން ޔޫރޯ ދޫކުރާނީ ބީއެމްއެލް މެދުވެރިކޮށް ކަމަށް ޓިމް ފާހަގަކުރެއްވި އެވެ.

މި އެހީއާއެކު ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވެވޭނެ ކަމަށް އީއައިބީއިން ވަނީ ބުނެފަ އެވެ. އަދި އީއައިބީން ބުނީ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެހީވެދީ، ދިވެހި އިގްތިސާދީ މަސައްކަތްތައް ކުރިއެރުވުމަށް ވެސް މި ފައިސާ ބޭނުންކުރެވޭނެ ކަމަށެވެ.

ޓިމް ވިދާޅުވީ، ބޭންކުން ބަލަނީ މިވަގުުތު ވިޔަފާރިތަކަށާއި އާންމުންނަށް އެހީތެރިވުމަށް ކަމަށެވެ. އެގޮތުން ކާޑް ޕޭމަންޓާއި އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމްތައް ފަސޭހަކުރުން ފަދަ ކަންކަމުގައި ބީއެމްއެލްއިން އެހީވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ޓިމް ވިދާޅުވި ގޮތުގައި މި ވަގުތު ރާއްޖެއަށް މުހިންމީ، އިގްތިސާދު ދިރުވުމަށް ބޭރުގެ އެކި ފަރާތްތަކުން ފައިސާ ހޯދައި އެ ފައިސާ އިގްތިސާދުގައި އިންވެސްޓްކުރުމެވެ.

މީގެ އިތުރުން ޓިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އަންނަ މަހުގެ 15 ދުވަހު ހުޅުވުމާ އެކު، ގިނަ ފަތުރުވެރިން ރާއްޖެ ގެނެސް، އެ މީހުން ރާއްޖޭގައި ކުރާ ހޭދަ އިތުރު ކުރުމަށް މަސައްކަތް ކުރަން ޖެހެ އެވެ. އަދި އެންމެން ގުޅިގެން ކުރެވޭ މަސައްކަތްތަކުން ރާއްޖޭގެ އިގްތިސާދަށް އަންނަ އަހަރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދިރުން ލިބެން ފަށާނެ ކަމުގެ އުންމީދު އޮތް ކަމަށް ޓިމް ފާހަގަ ކުރެއްވި އެވެ.