01 Jan 2012, 21:24
ޓޯކިޔޯ (ޖަނަވަރީ 1) : ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަށާއި އެރަށުގެ ވަށައިގެންވާ ސަރަޙައްދުތަކަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޖަޕާނުގެ މޫސުމާބެހޭ އެޖެންސީ ބުނާގޮތުން މިބިންހެލުންއައީ އެޤައުމުގެ ގަޑިން މިއަދު މެންދުރުފަހު 2.28 ގައި ކަމަށާއި މިބިންހެލުން އައިސްފައިވަނީ ޓޯކިޔޯގެ ދެކުނުގެ ބިމުގެ އަޑިން 370 ކިލޯމީޓަރު ފުނަށެވެ.
ބިންހެލުމުގެ މަރުކަޒުވަނީ ޓޯކިޔޯގެ ދެކުނުން 560 ކިލޯމީޓަރު ދުރުގައިވާ ތްރިޗީމާ ޖަޒީރާގެ ބިމުގެ އަޑިން 370 ފުނުގައި ކަމަށްވެސް ޖަޕާނުގެ މޫސުމާބެހޭ އެޖެންސީ ބުނެއެވެ. މިބިންހެލުމުގެ ސަބަބުން ޓޯކިޔޯއާއި އެރަށުގެ ވަށައިގެންވާ ސަރަޙައްދުތަކުގެ ޢިމާރާތްތައް ވަރަށް ބޮޑަށް ގުޑައިގެން ދިޔަކަމަށް އެތަންތާނގައި ދިރިއުޅޭ މީހުން ބުނެއެވެ.
މިހާބޮޑަށް އިމާރާތްތައް ގުޑައިގެން ދިޔަނަމަވެސް އިމާރާތެއް ވެއްޓުންފަދަ ނޫނީ ޢިމާރާތެއްގައި މީހުން ދިރިނޫޅެވޭފަދަ މާއްދީ ގެއްލުންތަކެއް ލިބިފައިނުވާ ކަމަށާއި މީހަކަށްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ އެއްވެސް މަޢްލޫމާތެއް ލިބިފައިނުވާ ކަމަށް ޖަޕާނުގެ މީޑިޔާ ބުނެއެވެ.
މިބިންހެލުމާގުޅިގެން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ. ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ ޤައުމެވެ. މިދިޔަ އަހަރުގެ މާޗްމަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުމާނީގައި 20 ހާހެއްހާ މީހުން މަރުވެ ލައްކައަކަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އެބިންހެލުމަށްފަހު މިހާތަނަށް 6 ބިން ހެލުމެއް ޖަޕާނުގެ އެކި ސަރަޙައްދުތަކަށް އައިސްފައިވާ ކަމަށް އެޤައުމުން ބުނެއެވެ.
މިއަދުގެ ބިންހެލުމުގެ ސަބަބުން ޢިމާރާތްތަކަށް ގެއްލުން ލިބިފައިނުވަނީ ބިންހެލުމުގެ ގެއްލުންތަކުން ސަލާމަތްވާ ގޮތަށް އެތަންތަން ޢިމާރާތްކޮށްފައިވުމުގެ އިތުރުން ބިންހެލުމުގެ މަރުކަޒު ބިމުގެ އެތަށް ސަތޭކަ ކިލޯމީޓަރެއްގެ ފުނުގައިވާތީ ކަމަށް ޖަޕާނުގެ ސައިސްމޮލޮޖީ ޢިލްމުގެ ތަޖްރިބާކާރުން ވިދާޅުވެއެވެ. -- ޖަޕާން މީޑިޔާ