29 Jun 2010, 15:47
19:00
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެކަން ބަލައިދިނުމަށާއި، އެކަމުގައި ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް ސަރުކާރުގެ މައްޗަށް އަމުރު ނެރުމަށް އެދި އެންޓި ކޮރަޕްޝަނަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިމެންދެން، އެއާޕޯޓް ކުއްޔަށްދީފައިވާ އެއްބަސްވުމަށް އަމަލު ނުކުރުމަށް ކޯޓު އަމުރު ނެރެދެއްވުމަށް އެދި އިދިކޮޅު ފަރާތްތަކުން މަދަނީ ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އިދިކޮޅު ޑީއާރުޕީ އާއި، ޕީއޭ އާއި ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލު 25 އަހަރަށް ކުއްޔަށް ދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިނގާފައިވާތީ، އެކަން ބައްލަވާދެއްވައި އެއާޕޯޓް ކުއްޔަށް ދިނުމާބެހޭގޮތުން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު ބަދަލުކޮށް ސަރުކާރުން ބޭނުންވާ ގޮތަށް މަސައްކަތްކުރާ ބޯޑެއް އެކުލަވާލުމާއި، އެއާޕޯޓް ކުއްޔަށް ދިނުމުގައި ބީލަން ދިރާސާކުރާ ކޮމިޓީއަށް ސަރުކާރުން ނުފޫޒު ފޯރުކޮށްފައިވާތީ އެކަންކަން ބަލައި ދިނުމަށާއި، ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އަމުރެއް ސަރުކާރުގެ މައްޗަށް ނެރެދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހަޅުއްވީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބައެއް މެންބަރުން ރަށުގައި ނޫޅުއްވާތީ، އެކަން ނިންމެން ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާތީ، އެކޮމިޝަނުގެ މެންބަރުން ހަމަވެގެން އެކަމާމެދު ގޮތެއް ނިމެންދެން ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައާބެހޭ މައުލޫމާތު ދެއްވަމުން ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހް ވިދާޅުވީ، މި މައްސަލައިގައި ވަލާކާތު ކުރައްވާނީ، ރާއްޖޭގައި ހިމެނޭ ގާނޫނީގޮތުން އެންމެ ފުންނާބު އުސް ބޭފުޅުންކަމަށް. އަދި އެކަން ކުރިއަށްގެންދާނީ، ކުރީގެ ބަންޑާރަ ނާއިބު، އަދި މި ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އެޑްވައިޒަރަ ކަން ކުރައްވާފައިވާ ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި، ކުރީ ސަރުކާރުގައި ލީގަލް ރިފޯމް އެންޑް އިންފޮމޭޝަން މިނިސްޓަރކަން ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުމެންފަދަ ބޭފުޅުން ހިމެނޭ ޕެނަލަކުން ކަމަށް ވެސް އިމާދު ސޯލިހު ވިދާޅުވި އެވެ.