ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން ރައްޔިތުންްގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ބޮޑެތި ބާރުތަކެއް ނަގާކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި 241 ކޮމެޓީއަށް ބޮޑެތި ބާރުތަކެއް ނަގަން ހިމަނާފައިވާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.

އަލަށް ހުށަހެޅި ބިލުގައި ކޮމިޝަނާ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރު ޖަވާބުދާރީކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު 241 ކޮމިޓީ އަށް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަނެ، އެ އުސޫލުތަކަށް ބަދަލުގެނައުމަށް އެންގުމުގެ ބާރު ވެސް ކޮމިޓީއަށް އޮންނާނެ ކަމަށް ބިލުގައި ބުނެ އެވެ.

ބިލުގެ މަސައްކަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ 241 ކޮމެޓީއަކީ ގާނޫނުއަސާސީގެ ހިޔާވަހިކަމުން، ސީދާ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން، އެ ބާރުވެރިކަމުގައި އުފެދިފައިވާ ކޮމެޓީއެއް ކަމަށެވެ.

ގާނޫނު އަސާސީގަައި ބުނެފައި ވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނާން ވާނެ ކަމަށާއި އެ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުން ހިމަނާން ވާނެ ކަމަށެވެ.

އަދި ގާނޫނުއަސާސީގެ 239 ވަނަ މާއްދާގައި، ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންކަމުން ފުލުހުންގެ ހިދުމަތުގެ ބިލުގެ 72 ވަނަ މާއްދާގައި 241 ކޮމެޓީގެ ދައުރު ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ބާރަށް އަމަލީ ސިފަ ގެނައުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އަސްލަމް ވިދާޅުވީ ފުލުހުންގެ ގާނޫނުން 241 ކޮމެޓީގެ މަސްއޫލިއްޔަތުތައް ކަނޑައަޅާނީތޯ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެކަން ހިމަނާތޯ، ބައެއް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ބަހުސްކުރެވުނު ކަމަށެވެ.

އަދި ބައެއް ބޭފުޅުންް ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުގައި އެ މަސްއޫލިއްޔަތު އޮތުމަކީ މައްސަލައެއް ނޫންކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އިތުރު ބާރުވެރިކަމެއް ކޮންމެހެން ދެވިފައި އޮތް ތަނެއް ނުއެއް ފެނޭ. އެ ބާރުވެރިކަން މަޖިލީހުގެ ގަވާއިދުގެ ތެރެއިންނާ ގާނޫނުއަސާސީގެ ބާރުވެރިކަމުގެ ތެރެއިން 241 ކޮމެޓީއަށް ނެގެން އޮތްކަމަށް އަޅުގަނޑަށް ފާހަގަ ކުރެވުނީ،" އަސްލަމް ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ގިނަބައެއްގެ ހިޔާލާއެކު ކުރިއަށް ދިއުމަށް ކަމަށެވެ.

އަދި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޓީގެ މަސައްކަތްތައް ނިންމާލަން އަމާޒުހިފާފައިވާ ކަމަށް ވެސް އަސްލަމް މިއަދު ވިދާޅުވި އެވެ.