25 Jun 2020, 08:02
ހުޅަނގު އައްސޭރީގައި އިޒްރޭލު މީހުން ވަޒަންވެރިކޮށްފައިވާ ސަރަހައްދުތަކާއި އުރުދުން ވާދީ އެ ގައުމުގެ ބަޔަކަށް ހަދަން އެގައުމުން ކުރާ މަސައްކަތާ ޔޫރަޕްގެ ގައުމުތަކުގެ ޕާލެމެންޓްގެ މެމްބަރުންތަކެއް ދެކޮޅު ހައްދަވައިފި އެވެ.
އެގޮތުން ޔޫރަޕްގެ 25 ގައުމެއްގެ ޕާލެމެންޓަކުން 1080 މެމްބަރުން ވަނީ އެކަން ނުކުރުމަށް އެދި ސިޓީއެއްގައި ސޮއިކޮށް ޔޫރަޕްގެ އެކިގައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ 240 މެމްބަރުންވެސް ހިމެނެ އެވެ. އެކަމާ ގުޅޭގޮތުން ލަންޑަންގައި ހުންނަ އިޒްރޭލުގެ އެމްބަސީން އެއްވެސް އެއްޗެއް ބުނެފައިނުވާކަމަށް ބީބީސީން ބުނެ އެވެ.
އެ މެމްބަރުންތައް ވިދާޅުވީ ހުޅަނގު އައްސޭރި އިޒްރޭލުގެ ބަޔަކަށް ހަދައިފިނަމަ ފަަލަސްތީނާއި އިޒްރޭލުގެ ސުލްހަޔަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ.
މެމްބަރުން އެކަމާ ދެކޮޅު ހެއްދެވިއިރު އިޒްރޭލުން، ފަލަސްތީނުގެ ސަރަހައްދުގެ ބައެއް އެ ގައުމުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ ވަގުތު އަންނަނީ ކުޑަތަންވަމުންނެވެ. އަދި އެކަމަށްޓަކައި އިޒްރޭލުގެ ޕާލެމަންޓްގައި ނަގަން ޖެހޭ ވޯޓް އަންނަ މަހު އެކެއްގައި ނަގަން މިހާރު ވަނީ ނިންމައިފަ އެވެ އެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފެހި ސިގްނަލް ވެސް މިހާރު ވަނީ ލިބިފަ އެވެ.
އެ ބިލް ފާސްވެއްޖެނަމަ ހުޅަނގު އައްސޭރީގެ 30 ޕަސެންޓް އިޒްރޭލުގެ ބަޔަކަށް ވާނެ އެވެ. މިހާރުވެސް އެ ސަރަހައްދުގައި އިޒްރޭލްގެ ޔަހޫދީ އާބާދީތައް ގިނަ އަދަދަކަށް ދިރިއުޅު އެވެ.
އިޒްރޭލުން ހުޅަނގު އައްސޭރި 1967 ގެ ހަނގުރާމައިގައި ހިފިފަހުން ހަދާފައިވާ 130 ޔަހޫދީ އާބާދީއެއްގައި 430،000 މީހުން ދިރިއުޅެ އެވެ.
އިސްރާއިލްގެ ޕްލޭނާއެކު މުސްތަގުބަލުގައި ފަަލަސްތީނުގައި ވަކި ދައުލަތެއް ހެދުމަށް އޮތް ތަސައްވަރަށްވެސް ހުރަސް އެޅިގެންދާނެ އެވެ. --- ބީބީސީ