24 Jun 2020, 14:03
ހިޔާ ފްލެޓުތަކުގެެ ފިނިޝިން މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ލޯނެއް ނުނަގާނެ ކަމަށާއި ފްލެޓްތައް ހަވާލުކުރާއިރު ދޮރުތަކާއި ތަށިމުއްޓާއި ކުލަ ފްލެޓްގައި ލާފައި ނުހުންނާނެ ކަމަށް އެޗްޑީސީއިން ބުނެފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ ފިނިޝިން މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވާތީ އެކަމަށް ބޭނުންވާ ފައިނޭންސް ހޯދަން ލޯނު ނުނަގަަން މިހާރު ނިންމާފައިވާ ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހިޔާ ފްލެޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި އެތަންތައް ހަވާލުކުރާއިރު ފިނިޝިންގެ މަސައްކަތް ނިންމާފައި ނުހުންނާނެެ ކަމަށެވެ.
"މިހާރު ނުނިމި ހުރީ ވަރަށް މަދު މަސައްކަތްތަކެއް. އެތަން ނިމޭއިރުގައި އެތާ އެތެރެއަކު ނުހުރޭ ޓައިލްސް އެއް ޖަހާފަ. އެތާ އެތެރެއަކު ދޮރުތަކެއް ނުހުރޭ ލާފައެއް. އެއީ ނިމުނުކަމަށް އޭރު ނިންމާފަ އޮތްގޮތް. އޭރު އަޅުގަނޑުމެން ވިސްނިން އިތުރަށް ފައިސާ ހޯދައިގެން ޓައިލްސް ޖަހާ، ދޮރުތައް ހަރުކުރަން ކޮޓަރިތަކާ ފާހާނާ ތަކުގައި. އެއީ ގާތްގަނޑަކަށް 43 މިލިއަން ޑޮލަރު. އެކަން ކުރަންޏާ ބޭނުންވޭ ވަގުތު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ނިންމާފައި އޮތީ، އެތަންތަން ހުރިގޮތަށް، ހައްގުވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރަން ކަމަށެވެ.
"އެހެންނަމަވެސް ގަބޫލު ކުރައްވައްޗޭ، އެތަނަށް ވަންނައިރު ކޮޓަރިއަކު ދޮރެއް ނުހުންނާނެ. ތަޅުމަކު ޓައިލްސް އެއް އެއްޗެއް ނޯންނާނެ. އެ ހާލަތުގައި އެތަން ހުންނާނީ،" ރައީސް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.
މަޝްރޫއުގެ ޖުމްލަ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) އެވެ.
މީގެ ކުރިން އެޗްޑީސީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ސުހައިލް އަހްމަދު ވިދާޅުވީ، ޕްރެޖެޓްގެ އެގްރީމަންޓް ހަދައި 434 މިލިއަން ޑޮލަރުގެ ލޯނު ނަގާފައި ވަނީ ފްލެޓްތައް ނިންމުމުގެ މަސައްކަތަށް ހިނގާނެ ހަރަދު ނުލައި ކަމަށެވެ. އެގޮތުން ފްލެޓްތައް މުޅިން ނިންމުމަށް ހިނގާ ހަރަދުތަކާ އެކު، މުޅި ޖުމްލަ 485 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.
"ފުރަތަމަ ޕްރެޖެކް ކޮންޓްރެކްޓް ހެދި އިރު، ފިނިޝިން މަސައްކަތް ނުހިމެނޭ. ފިނިޝިންގެ ގޮތުގައި، ޓައިލްސް ޖެހުމާއި އެތެރޭގެ ދޮރުތަކާއި ކުލަ ލުމެއް ނުހިމެނޭ. މިކަންތައްކަށް އިތުރަށް 42 މިލިއަން ޑޮލަރު [647.64 މިލިއަން ރުފިޔާ] އެބަ ހަރަދުވޭ،" ސުހައިލް ވިދާޅުވި އެވެ.
ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ ފައިނޭންސް ހަމަޖެހިފައި ވާނީ ހުރިހާ ހަރަދެއް ހިމަނައިގެން ކަމަށާއި އެގޮތުން ޕްލޭން ކޮށްފައިވާނީ ރައްޔިތުން އެތަނަށް ވަންނައިރު ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުންނަ ގޮތަށް ކަމަށެވެ
ހިޔާ މަޝްރޫއުގެ ފްލެޓު ހޯދުމަށް 22،000 މީހަކު ހުށަހަޅާފައިވާއިރު ކުރީ ސަރުކާރު ނިމުމުގެ ކުރިން ފްލެޓު ލިބޭ މީހުންގެ ލިސްޓު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފްލެޓު ދިނުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް ހިޔާ ފްލެޓުތައް ދީފައިވާގޮތް ބެލުމަށް ވަނީ ކޮމެޓީ އެއް އެކުލަވާލައިފަ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް އޭގެ ހައްގުވެރިންނާ މިއަހަރު ހަވާލު ކުރައްވާނެ ކަމަށެވެ. އަދި ފްލެޓު ދޭނީ ކުރީ ސަރުކާރުގެ ލިސްޓަށް ކަމަށްވެސް ރައީސް ވަނީ ފަހުން ވިދާޅުވެފަ އެވެ.