01 Jan 2012, 16:31
ވޮޝިންގޓަން (ޖަނަވަރީ 1) : ހަނދުގެ ގްރެވިޓީ ހުރިމިންވަރު ބެލުމަށާއި އެއާބެހޭ ދިރާސާތައް ކުރުމަށްޓަކައި ހަނދަށް ފޮނުވި ދެ އުޅަނދު އިއްޔެ ހަނދަށް ހިނގައްޖެއެވެ. މިއީ ގްރާއިލް އޭ އާއި ގްރާއިލް ބީ މިދެއުޅަނދެވެ.
މި ދެއުޅަނދު ފޮނުވި އެމެރިކާގެ ފަޒާއާބެހޭ އިދާރާ "ނާސާ" އިންބުނީ މިދެއުޅަނދުގެ މަސައްކަތް ކުރާނީ އެއް މަޤްސަދެއް ޙާސިލް ކުރުމަށް ކަމަށާއި އެއީ ހަނދުގެ ގްރެވިޓީއާބެހޭ އިތުރު މައްލޫމާތު ހޯދައި ޗާޓެއް އެކުލަވާލުން ކަމުގައެވެ.
މިކަމަށްޓަކައި ހަނދުގެ ސަތްހުގެ ވަރަށް ކައިރިއާއި ތަންކޮޅެއް ދުރުގައިވާ އޯބިޓްތަކުގައި ޙަރަކާތްތެރިވުމުގެ އިތުރުން ހަނދުގައި ޖައްސައިގެންވެސް މިދެއުޅަނދު މަސައްކަތްކުރާނެއެވެ. މީގެތެރެއިން ބައެއް މަސައްކަތްތައް މިހާރުން މިހާރަށް ފަށާއިރު އަނެއްބައި މަސައްކަތްތައް މިދެއުޅަނދުން ފަށާނީ އަންނަ މާރޗް މަހުއެވެ. މިމަސައްކަތްތަކުން ލިބޭ މަޢްލޫމާތު ބިމުގައި ހުންނަ ސްޓޭޝަންތަކަށް އިލެކްޓްރޯނިކް ރިމޯޓް ސިސްޓަމަކުން ފޮނުވަމުން ގެންދާނެ ކަމަށްވެސް ނާސާ އިން ބުނެއެވެ.
ނާސާގެ ޢިލްމުވެރިން ބުނާގޮތުން ހަނދުގެ ގްރެވިޓީ މިންވަރާއި އެއާބެހޭގޮތުން މިހާތަނަށް ލިބިފައިވާ މަޢްލޫމާތުތަކުގައި އޮޅުންތަކަކާއި ސާފުނުވާ ކަންތައްތަކެއް އެބަހުއްޓެވެ.
ނާސާ އިން ހަނދަށް ފޮނުވި މި ދެއުޅަނދުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެނަމަ ހަނދުގެ ޖާޒުބިއްޔަތާބެހޭގޮތުން އަރާފައިވާ ހުރިހާ އޮޅުންތަކެއް ސާފުވެގެންދާނެ ކަމަށް ނާސާގެ ގްރެވިޓީ ރިކަވަރީ ޑިޕާޓްމަންޓުން ބުނެއެވެ.
303 ކިލޯގްރާމްގެ ބަރުދަންހުރި މިދެ އުޅަނދު ބިމުން ނައްޓާލުމަށްފަހުގައާއި ހަނދަށް ވާސިލްވުމަށްފަހުންވެސް އެއްވެސް މައްސަލައެއް ކުރިމަތިވެފައިނުވާކަމަށް ނާސާގެ ގްރެވިޓީ ރިކަވަރީ ޑިޕާޓްމަންޓުންބުނެއެވެ. -- ނޫސްއެޖެންސީތައް