24 Jun 2020, 09:40
ފޭސްބުކް މެދުވެރިކޮށް އާސާރީ ތަކެތި ގަނެ ވިއްކުން މަނާކުރުމަށް ހާއްސަ ޓެކްނޮލޮޖީއެއް ފޭސްބުކްއިން ބޭނުންކުރަން ފަށައިފި އެވެ.
ފޭސްބުކްއިން ދާދި ފަހުން ފެށި ކެމްޕޭނެއްގައި ދައްކަނީ ބީބީސީ ނިއުސްއިން ކުރިއަށް ގެންދިޔަ ތަހުގީގެކެވެ. އެއީ އިރާގާއި ސީރިއާއިން ވަގަށް ނަގާފައިވާ އާސާރީ ތަކެތި ފޭސްބުކްގައި ބަޔަކު ވިއްކަން އުޅޭ މަންޒަރެވެ.
ފޭސްބުކްއިން އެފަދަ ތަކެތި ނުވިއްކޭނެ ގޮތް ހެދުމާ ގުޅިގެން ކަމާ ބެހޭ މާހިރެއް ބުނެފައިވަނީ އެއީ ވަރަށް މުހިއްމު ހިދުމަތެއް ކަމަށެވެ.
"އަސްލު ވަރަށް މުހިއްމު މި ހިދުމަތް. ސަބަބަކީ މިހާރު އެކަމާ ގުޅޭ މާހިރުންގެ ޓީމަކުން އެފަދަ މަސައްކަތް ހުއްޓުވަން ފޭސްބުކްގައި ތިބޭނެ. އެހެން ނޫނީ ވަކި ޕޯސްޓުތައް ރިޕޯޓުކޮށްގެން އުޅެން ޖެހޭނީ،" އޭނާ ފާހަގަކުރިއެވެ.
އެ ބަދަލު ފޭސްބުކްއަށް ގެނެސްފައިވާކަމަށް އިއްޔެ ފޭސްބުކް އިން ބުނެ، ވަނީ ކޮމިއުނިޓީ ސްޓެންޑާޑްގައި ހިމަނާފައެވެ.
އެހެންކަމުން އެފަދަ އެއްޗެއް ވިއްކަން އުޅުނަސް ނުވަތަ އެފަދަ އެއްޗެއް ގަންނަން އުޅުނު ކަމުގައިވި ނަމަވެސް ފޭސްބުކް އިން އެފަދަ ކޮންޓެންޓް ވަގުތުން ބޭން ކުރާނެއެވެ.
ފޭސްބުކް އިން ފާހަގަކުރާގޮތުގައި އެފަދަ ތަކެތީގެ ތެރޭގައި އާސާރީ ލިޔެކިޔުންތަކާއި ފައިސާފޮތި އަދި ރައްކާކުރެވިފައިވާ އިންސާނުންގެ ހަށިގަނޑުވެސް ހިމެނޭނެއެވެ.