01 Jan 2012, 15:36
ފްރާންސްގެ މުއްސަނދި ކުލަބު ޕެރިސް ސެންޓް ޖާމެން (ޕީއެސްޖީ) ގެ ކޯޗުކަމާއި ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮޓީ ހަވާލުވެއްޖެ އެވެ.
ޕީއެސްޖީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮމްބުއާ އަށް މިސީޒަނުގައި އެކުލަބަށް މާއެދެވޭ ނަތީޖާތަކެއް ހޯދައި ނުދެވުމުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. ޕީއެސްޖީގެ ކޯޗުކަމާއި އެންޗެލޮޓީ ހަވާލުވީ ހަތް މަސްދުވަހު ކުލަބަކަށް އިރުޝާދު ނުދީ ހުރުމަށް ފަހު އެވެ. އެންޗެލޮޓީ ޗެލްސީގެ މަގާމުން ވަކިވީ މިދިޔަ 2011 ވަނަ އަހަރުގެ މެއި މަހު އެވެ.
އެންޗެލޮޓީ އާއި ޕީއެސްޖީ އިން ވާހަކަ ދެއްކިއިރު، އެކުލަބުގެ ކޯޗުކަމުގައި ކޮމްބުއޭ ހުއްޓެވެ. ޕީއެސްޖީގެ ކޯޗުކަން އެންޗެލޮޓީ އާއި ހަވާލުކުރި ކަން އެކުލަބުން އިޢުލާން ކުރީ، އެކުލަބުގެ ކުރީގެ ކޯޗު ކޮމްބުއާ މަގާމުން ދުރިކުރިކަން އިޢުލާން ކުރިތާ ގަޑިއިރެއްހާ އިރު ފަހުންނެވެ.
ފްރާންސް ލީގުގެ އެއް ވަނައިގައި 40 ޕޮއިންޓާ އެކު އޮތް ނަމަވެސް އެކުލަބު ވަނީ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ. އެންޗެލޮޓީ އާއި އެކު ޕީއެސްޖީ އިން ސޮއިކުރީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޗެލްސީ ގެ އިތުރުން އިޓަލީ ވިލާތަށް އުފަން އެންޗޮލެޓީ ވަނީ ގެޖީއަނާ އާއި، ޕާމާ އާއި، ޔުވެންޓަސް އާއި އޭސީ މިލާނަށް ވެސް ކޯޗުކަން ކޮށްދީފައި ވެއެވެ. އެންޗޮލެޓީ ވަނީ ޔުވެންޓަށް އަށް 1999 ވަނަ އަހަރު އިންޓާޓޮޓޯ ކަޕް ކާމިޔާބު ކޮށްދީ، އޭސީ މިލާނަށް 2003 ވަނަ އަހަރުގެ ކޮޕާ އިޓާލިއާ އާއި، 2003 އަދި 2007 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި، ހަމަ އެ ދެއަހަރުގެ ޔޫއެފާ ސުޕަ ކަޕް އާއި، 2004 ވަނަ އަހަރުގެ އިޓަލީ ލީގާއި، ހަމަ އެއަހަރުގެ އިޓަލިއަން ސުޕަ ކަޕް އާއި 2007 ވަނަ އަހަރުގެ ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީ، ޗެލްސީއަށް 2010 ވަނަ އަހަރުގެ ޕްރެމިއާ ލީގާއި، އެއަހަރުގެ އެފްއޭ ކަޕުގެ އިތުރުން 2009 ވަނަ އަހަރުގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްދީފައެވެ.