މިއަދު ކޮވިޑް-19 އަށް 21 މީހަކު ޕޮޒިޓިވްވިއިރު، އިތުރު 16 މީހަކު އެ ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި އިއްޔެ 18:00ން މިރޭ 18:00 އާ ހަމަޔަށް ކޮވިޑް-19އަށް އިތުރު 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިރޭ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،238 އަށް އަރައިފަ އެވެ.

މިރޭ ޕޮޒިޓިވް ވި މީހުންނަކީ:

12 ދިވެހީން

07 ބަންގްލަދޭޝް މީހުން

01 އިންޑިއާ މީހަަކު

01 ނޭޕާލް މީހަކު

އެޗްޕީއޭއިން ހާމަކުރިގޮތުގައި އިތުރު 16 މީހަކު ބަލިން ރަނގަޅުވުމާއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،829 އަށް އަރައިފަ އެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބައްޔަށް ފަރުވާ ދެވެމުން ދަނީ 396 މީހަކަށެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 140 މީހަކު ތިބި އިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 318 މީހަކުު އެބަ ތިއްބެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ނަގާފައި ވަނީ ޖުމްލަ 43،998 ސާމްޕަލްއެވެ. މީގެ ތެރޭގައި ތަކުރާރުކުރަން ޖެހުނު ސާމްޕަލްވެސް ހިމެނެއެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްއެއް ފެނިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ.

މި ކޭސްއާއިއެކު މާލެ ސިޓީ ގައި ފުރަބަންދުގެ ހާލަތު ވަނީ އިއުލާންކުރެވުނު ނަމަވެސް ދޮޅު މަަހެއްހާ ދުވަސް ފުރަބަންދުގައި ވޭތުކުރުމަށްފަހު ސަރުކާރުން ވަނީ ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭންފަށައިފަ އެވެ.

އެގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލައި ޓޫރިޒަމް ފަށަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.