ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ގައުމަކީ އިންޑިއާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ފައިސާގެގޮތުން ކަމުގައި ވިޔަސް، ކާބޯތަކެތީގެ ގޮތުން ވިޔަސް، ބޭހުގެ ގޮތުން ވިޔަސް ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑު އެހީއެއްވީ އިންޑިއާއިން ކަމަށެވެ.

"މިހާތަނަށް ކޮވިޑާ ގުޅިގެން އެންމެ ބޮޑު އެއީއެއްވި ފަރާތަކީ އިންޑިއާ ސަރުކާރު. އެކަމަށްޓަކައި އަޅުގަނޑުގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާ ސަރުކާރަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

އިންޑިއާއިން މި ފަހުން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ ކޮވިޑްއާ ގުޅިގެން ބޭސްފަރުވާއަށް ދަތުރު ނުކުރެވި ތިބި 37 ދިވެއްސަކު ބޭސްފަރުވާ ހޯދަން އިންޑިއާއަށް ދާން ފުރުސަތު ފަހިކޮށްދިނުމެވެ.

ކުރިއަށް އޮތްތަނުުގައިވެސް އިންޑިއާގެ އެހީތެރިކަން އެކި ކަންކަމުގައި ރާއްޖެއަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދިވެސް ކުރިއަށް މި އޮތްތަނުގައި އިންޑިއާއިން ބޮޑެތި އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންގެ އެބަ އޮތް. އިންޑިއާ އަކީ އަޅުގަނޑުމެންގެ ވަރަށް ގާތް އެންމެ ގާތް އެކުވެރި އެއް ގައުމު،" ރައީސް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި ސަރަހައްދުގައި ނުފޫޒު ގަދަ އިންޑިއާއާއި ވާދަ ކުރާ ޗައިނާއިންވެސް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޕީޕީއީ އާއި ސިއްހީ ދާއިރާއަށް ބެނުންވާ އެހެނިހެން ސާމާނު ފޯރުކޮށްދިނުމާއި، އައިސޮލޭޝަން ފެސިލިޓީއެއް ގާއިމް ކުރުން ހިމެނެއެވެ.