01 Jan 2012, 15:33
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުއީންސް ޕާކް ރޭންޖާސް އާއި ދެކޮޅަށް ކުޅުނު މެޗުން ލިބުނު މޮޅާއެކު އާސެނަލްއަށް ހިތް ވަރެއް ލިބި، ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފި އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް އާސިނަލްއިން ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ. މެޗުގައި އާސިނަލްއިންޖެހި އެޓީމްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ މެޗްގެ 60 ވަނަ މިނިޓްގައި ރޮބިން ވެންޕާސީ އެވެ.
މިނަތީޖާގެ ސަބަބުން އާސެނަލްއަށްވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން 36 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ ލިބިފައެވެ.
މީގެއިތުރުން ރޭ އެސްޓަން ވިލާއަތުން ބަލިވެ، ޗެލްސީ ވަނީ ލީގު ހޯދުމަށް އެޓީމް ކުރާ މަސައްކަތަށް ހުރަހެއް ކުރިމަތިވެ، ތާވަލްގެ ފަސް ވަނަ މަޤާމަށް ވެއްޓިފައެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މިމެޗުން ޗެލްސީ ބަލިވީ 3-1 ލަނޑުންނެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑިޑިއޭ ޑްރޮގްބާ ލަނޑެއް ޖަހާ ޗެލްސީއަށް ލީޑް ހޯދާދިން ނަމަވެސް އޭގެ ފަސް މިނިޓް ފަހުން އެސްޓަން ވިލާގެ އަޔާ ލޭންޑްވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި އެސްޓަން ވިލާއިން ލީޑް ހޯދި ދެ ލަނޑުވެސް އެޓީމުން ކާމިޔާބު ކުރީ މެޗްގެ އެންމެ ފަހު 10 މިނެޓުގެ ތެރޭގައެވެ.
ރޭ އެސްޓޮންވިލާއަތުން ޗެލްސީ ބަލިވުމުން އެޓީމް އޮތީ 34 ޕޮއިންޓާއެކު ލީގުގެ ފަސްވަނައަށް ވެއްޓިފައެވެ.
މީގެއިތުރުން މިމުބާރާތުގައި ރޭ އަމިއްލަ ދަނޑުގައި ބްލެކްބާން ރޯވާސްއަތުން މެންޗެސްޓާ ޔުނައިޓެޑް 2-3 ލަނޑުން ބަލިވިއިއރު، ޓޮޓެންހަމް ހޮޓްސްޕާއާއި ސްވަންސީ ސިޓީ ބައްދަލުކުރި މެޗް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
މުބާރާތުގައި މިރޭވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައެވެ. އެގޮތުން މެން ސިޓީއާއި ދެކޮޅަށް ސަންޑަލެންޑް ނިކުންނައިރު، އެވަޓަންއާއި ދެކޮޅަށް ވެސްޓް ބޮރޮމް ވެސް ކުޅޭނެއެވެ.
ލީގް ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތީ މެން ސިޓީއެވެ. އެއީ ޖުމްލަ 18 މެޗު ކުޅެ، އެޓީމަށް ލިބިފައިވާ 45 ޕޮއިންޓާއެކުއެވެ. އަދި ތާވްގެ ދެ ވަނަ ނާގައި 45 ޕޮއިންޓާއެކު މެންޔޫ އޮތް ނަމަވެސް، ތާވަލްގެ ކުރި ސިޓީއަށް ލިބެނީ ގޯލްގެ ތަފާތުންނެވެ. އަދި ތާވަލަގެ ތިން ވަނަ ލިބެނީ ޓޮޓެންހަމް ހޮސްޕާއަށެވެ. އެއީ 39 ޕޮއިންޓާއެކު އެވެ.