ވޮޝިންޓަން (ޖޫން 23): އެމެރިކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރި ފަހުން އެގައުމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ސްޓޭޓުތަކުން ވައިރަހުގެ ކޭސްތައް ފެންނަ މިންވަރު އިތުރުވެއްޖެ އެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު ބަލަމުންދާ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ޓްރެކާއިން ދައްކާ ގޮތުގައި އެމެރިކާއިން ކޮންމެ ދުވަހަކު އަލަށް ފެންނަ ކޭސްތަކުގެ އެވަރެޖު އަދަދު މިހާރު ވަނީ 26،000އަށް އަރާފަ އެވެ. އެއާ އަޅާ ބަލާ އިރު މީގެ ދެ ހަފްތާ ކުރިން އެ އަދަދު އުޅެނީ 21،000ގަ އެވެ. އަދި މިހާރު އެގައުމުގެ 50 ސްޓޭޓުގެ ތެރެއިން 29 ސްޓޭޓެއްގައި ހަތް ދުވަހުން ފެންނަ އެވަރެޖު ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެ ޓްރެކާއިން ދައްކާ ގޮތުގައި އާ ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތައް އެންމެ ފުރަތަމަ ލުއި ކުރި ސްޓޭޓުތަކުގަ އެވެ. އޭގެ ތެރޭގައި ޖޯޖިއާ، ފްލޮރިޑާ އަދި ޓެކްސަސް ހިމެނެ އެވެ. އޭގެ ތެރެއިން ފްލޮރިޑާ އާއި ޓެކްސަސްއިން މިހާތަނަށް 100،000އަށް ވުރެ ގިނަ ކޭސްތައް ވަނީ ފެނިފަ އެވެ.

މީގެ އިތުރުން ޓެކްސަސްގެ ހިއުސްޓަންގައި ވައިރަހުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓު ކުރާ މީހުން އިތުރުވަމުންދާކަން ފާހަގަ ކުރަމުން، އެ ސިޓީގެ މެތަޑިސްޓް ހޮސްޕިޓަލްގެ ރައީސް ވަނީ ކުރިއަށް އޮތް ތިން ހަފްތާ ތެރޭ ހޮސްޕިޓަލްތައް ފުރިދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ވައިރަހުގެ ކޭސްތައް އިތުރުވަމުން ދިޔުމުން، މަރުތައް ވެސް އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގައި މިހާރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2.3 މިލިއަނަށް އަރާފައިވާ އިރު ބަލީގައި 120,402 މީހަކު ވަނީ މަރުވެފަ އެވެ.

އެމެރިކާގެ ސިއްހީ އޮފިޝަލުން ވަނީ ފިޔަވަޅުތައް ލުއި ކުރާ ސްޓޭޓުތަކުގައި ކޭސްތައް އިތުރުވަނީ މާސްކު ނޭޅުމާއި ގައި ދުރުކަން ބެހެއްޓުމަކާ ނުލައި ގިނަ އަދަދެއްގެ މީހުން އާއްމު ތަންތަނަށް އެއްވެގެން ދިޔުމުން ކަން ފާހަގަކޮށްފަ އެވެ.

އެމެރިކާގެ ޓެކްސަސް، އެރިޒޯނާ، އަލަބާމާ އަދި ސައުތު ކެރޮލައިނާ ފަދަ ސްޓޭޓުތަކުން ވަނީ މާސްކު އެޅުމުގެ ގަވާއިދުތައް ހަދަން ގަވަރުނަރުންނަށް ދޫކޮށްލާފަ އެވެ. ނަމަވެސް އެހެން ބައެއް ސްޓޭޓުތަކުން ދަނީ ގެއިން ބޭރުގައި އުޅޭ އިރު މާސްކު އަޅައިގެން އުޅުމަށް ހިތްވަރު ދެމުންނެވެ.