23 Jun 2020, 19:12
ކުރިއަށް އޮތް ހަ މަސް ދުވަހަކީ އިގްތިސާދީ ގޮތުން ދަތި ދުވަސްތަކަކަށް ވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ހަ މަސް ދުވަސް ވެގެންދާނީ ވިޔަފާރިތަކާއި އާންމުންނަށް އުނދަގޫ ދުވަސްތަކަކަށް ކަމަށެވެ.
"ކުރިއަށް އޮތް ހަ މަސް ދުވަހަކީ ދަތި އުނދަގޫ ހަ މަހަކަށް ވެގެންދާނެ. ހަމައެކަނި ދައުލަތުގެ ހަރަދަކަށް އެކަންޏެއް ނޫން އާންމު ހަރަދަށާއި، އާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބަޖެޓަށް ބެނުންވާ ފައިސާ އެކި ގޮތްގޮތުން ހޯދަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ބޭރުގެ ހެޔޮ އެދޭ ގައުމުތަކުންނާއި ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައި މިވާ ދަތި ހާލަތުން އަރައިގަނެވޭނީ މި އަހަރު އަދި ގާތްގަނޑަކަށް އެއް ބިލއަނެއްހާ ޑޮލަރު ލިބިގެން ކަމަށެވެ.
"މިކަމުން އަރައިގަނެވޭނީ އަޅުގަނޑަށް ހިތުން އަދި ގާތްގަނޑަކަށް 900 މިލިއަނާއި އެއް ބިލިއަން ޑޮލަރު ވަރު އަޅުގަނޑުމެންގެ މާލިއްޔަތު ތެރެއަށް ވަދެގެން،" ރައީސް ވިދާޅުވިއެވެ.
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެއީ ރަނގަޅު ރޭޓެއްގައި ލިބޭނެ ފައިސާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާތް ގައުމުތަކުގެ ތެރެއިން އސައުދީ އަރަބިއްޔާއިން 50 މިލިއަން ޑޮލަރުގެ އެހީއެއް އަދި އަބޫދާބީ ފަންޑުންވެސް 50 މިލިއަން ޑޮލަރުގެ އެހީއެއް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.