ރައްޔިތުންގެ މަޖިލީހަށް ލިބިފައި ނެތް ބާރުތަކެއް މަޖިލީހަށް ނަގައި، މަޖިލިސް އިމުން ބޭރުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް އިބްރާހިމްް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުން ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގިނަބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަައެވެ.

އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައިވިޔަސް އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭ ގޮތަށް ހިމަނަން ވެސް އިސްލާހުގައި ވެއެވެ.

މީގެ އިތުރުން ފުލުހުންގެ ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައި ވާތީ ވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަލަށް ހުށަހެޅި ބިލުގައި ކޮމިޝަނާ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރު ޖަވާބުދާރީކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު 241 ކޮމިޓީ އަށް އޮންނާނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަނެ، އެ އުސޫލުތަކަށް ބަދަލުގެނައުމަށް އެންގުމުގެ ބާރު ވެސް ކޮމިޓީއަށް އޮންނާނެ ކަމަށް ބިލުގައި ބުނެއެވެ.

ދެ ބިލުގައި މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިދެވޭ ގޮތަށް އޮތުމުން، އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުން ކަމަށާއި، އެ ބިލަކީ ރަނގަޅު މުއައްސަސާއެއް ބިނާކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަދި އެ ބިލު ފާސްވެގެން އަންނަައިރު، ރައްޔިތުންނަށް އިތުބާރު ކުރެވޭ، ހަރުދަނާ ފުލުހުންގެ މުއައްސަސާއެއް ގާއިމުކުރެވޭނެ ކަަމަށެވެ.

"އަޅުގަނޑު ހިތުން، މަޖިލީހަށް ނެތް ބާރެއް ނުނަންގަވާނެ. މަޖިލީހުގެ އިމުގެ ދާއިރާއިން މަޖިލިސް ނުކުންނަވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތަކުގެ ހުދޫދުން މަޖިލިސް ބޭރުވާނެކަމަށް ދުވަހަކު ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިހާރުވެސް މަޖިލިސް މަސައްކަތް ކުރަމުން އަންނަނީ އެ އިމުގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ތަނެއް ކަމަށް ވާއިރު، ސަރުކާރުން ކުރާ ކަންތައްތަައް މަޖިލީހުން ބަލާ، ފާރަވެރި ވާންޖެހޭނެ ކަމަށެވެ. އަދި ފާރަވެރިވުމުގެ ގޮތުންް މަޖިލީހުން ކުރާ މަސައްކަތަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"މިހާރު ގާނޫނުއަސާސީ އޮތް ގޮތުން، އެބަ ވޭ ތިން ބާރަށް ވެސް ޖާގަ ދީފަ މަސައްކަތް ކުރާނެ ހުދޫދެއް ކަނޑައަޅާފަ. އަޅުގަނޑުގެ އެދުމަކީ އިމުގެ ތެރޭގައި ހުރިހާ ބާރުތަކެއް، ސަރުކާރު ހިންގުމުގެ ބާރު ވެސް، ޖުޑީޝަރީ ވެސް، ރައްޔިތުންގެ މަޖިލިސް ވެސް މަސައްކަތް ކުރުން. އަޅުގަނޑަށް އަދި ފެންނަނީ އެގޮތަށް މަސައްކަތް ކުރާތަން،" ރައީސް ވިދާޅުވިއެވެ.