ރާއްޖޭގައި ތިބި ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންގެ ތެރެއިން 37 މީހަކު އިންޑިއާ އަށް ދިޔުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާންޖެހޭ 37 މީީހުންނަށް އިންޑިއާ އަށް ދެވޭނެ ކަމުގެ ޔަގީންކަން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

އިންޑިއާ ހައިކޮމިޝަން ނެރުނު ކުރު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ބަލިހާލު ބޮޑުވެފައިވާ 37 ދިވެހިން، ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިން އަށް ދިއުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީދައިވާ ކަމަށެވެ. މީގެ ތެރޭގައި ކެންސަރު ބައްޔަށް ރޭޑިއޭޝަން ތެރަޕީ ބޭނުންވެފައިވާ މީހުން ހިމެނޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ ބޯޑަރުތައް އަދިވެސް ހުޅުވާފައި ނުވިނަމަވެސް، ދެގައުމުގެ މެދުގައިވާ ޒަމާންވީ ވަރުގަދަ ގުޅުމުގެ ސަބަބުން އެންމެ އަވަސް ފުރުސަތުގައި މިދެންނެވުނު ބަލިމީހުންނަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އިންޑިއާގެ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން، ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކުގެ ތެރެއިން 37 ބަލިމީހުން އަންނަ ހަފްތާގައި އިންޑިއާއަށް ގެންދިޔުމަށް އާސަންދަ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރަން ޖެހޭ ފަރާތްތަކަށް އިންޑިއާއަށް ގޮސް ފަރުވާ ހޯދުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހާއްސަ ހުއްދައެއް ދިން ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ރައީސް ސޯލިހާއި މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.