ތިރީސް އެއް ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރަތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގައި ކަސްޓަމްސްއިން ޗެމްޕިއަންކަން ހޯދީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް 63 ޕޮއިންޓް 44 ޕޮއިންޓުން މޮޅުވެގެންނެވެ.

އިއްޔެގެ ފައިނަލް މެޗުގައި ކަސްޓަމްސްގެ ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިން ކުޅުންތެރިޔަކަށް ހޮވުނީ، މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އާމިނަތު ޝިއުރާއެވެ. އަދި ވިކްޓަރީއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިން ކުޅުންތެރިޔަކީ ޒުލައިޚާ އިބްރާހިމެވެ.

އިއްޔެގެ ފައިނަލް މެޗަށްފަހު މުބާރަތުގެ ވަނަވަނަ އަށް އައި ކުޅުންތެރިންނާއި ޓީމްތަކަށް އިނާމާއި ހަނދާނީ ލިއުން ބައްސަވާ ދެއްވީ، މުބާރާތުގެ ޝަރަފްވެރި މެހެމާން އެސްޓީއޯގެ ބޯޑް ޑިރެކްޓާ އަހުމަދު އާރިފެވެ.

އެގޮތުން މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ވިކްޓަރީ ސްޕޯޓްސް ކުލަބްގެ އައިމިނަތު ސަމްހާއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނީ ކަސްޓަމްސްގެ އާމިނަތު ޝިއުރާ އާއި އާމިނަތު ހަލީމް އާއި ޝިޒްނާ ރަޝީދާއި ހުސްނާ މުހައްމަދުގެ އިތުރުން ވިކްޓަރީގެ ޒުލޭހާ އިބްރާހިމެވެ.