23 Jun 2020, 17:17
ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ވާހަކަ ދައްކަވަން ބޭނުންފުޅުނުވާ ކަމަށާއި އެ ނިޒާމް ގެންނަ ނަމަ، ދާންޖެހޭނީ ރައްޔިތުންގެ ކައިރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލާފައިވާތީ، އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މިއަދު ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގަތުމަށްފަހު ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅުވަނީ އެ ވައުދުތައް ފުއްދުމަށް ކަމަށެވެ.
"އަޅުގަނޑުގެ ސިކުނޑިއާއި އަޅުގަނޑުގެ ވަގުތު އެހެން ކަމަކަށް ޖާގަ ދޭކަށް، ވަގުތު ހޭދަކުރާކަށް ބޭނުމެއް ނުވެ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ދަނޑިވަޅުގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކުމަކީ އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގާނޫނުއަސާސީ އެކުލަވާލިއިރު ވެރިކަމުގެ ނިޒާމު ކަނޑައަޅާފައި ވަނީ ރައްޔިތުންގެ ކައިރިއަށް ގޮސް، ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އެހެންކަމުން ދެން ވެސް އެއަށް ބަދަލެއް ގެންނަ ނަމަ ދާންޖެހޭނީ ރައްޔިތުންގެ ކައިރިއަށް ކަމަށެވެ.
"އަޅުގަނޑަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އޭރު މިކަމުގައި މަސައްކަތް ކުރި މީހަކަށް ވާތީ، އެތައް އެތައް ބަހުސެއް ކުރުމަށްފަހު އަޅުގަނޑުމެން ދިޔައީ ރައްޔިތުންގެ ގާތަށް. ގޮސް ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް އެ ބަދަލު ގެނައީ. އެހެންވީމަ އެއްވެސް ޒަމާނެއްގައި މިކަން ކުރާ ކަމަށް ވަންޏާ ފުރަތަމަ ދާންވާނީ ރައްޔިތުން ކައިރިއަށް. ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށްފަހު އެ ގެންނަ ބަދަލެއް ގެންނަން ވާނީ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް 2008 ވަނަ އަހަރު ރައީސްކަމަށް އިބްތިހާބުވެވަޑައިގަތުމަށް ފަހު އޭރުގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވައި އަލުން އިންތިހާބަކަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
އަދި މިހާރު އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު، މަޖިލީހުގެ ރައީސްކަމުގައި އިންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު މަސައްކަތް ކުރައްވަމުން އަންނަ ކަމުގެ ތުހުމަތު އަންނަނީ ކުރަމުންނެވެ.
ރައީސް ނަޝީދު ވަނީ ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި، ގައުމެއް ހިންގައި މުޖުތަމައުއަށް ހަމަޖެހުން ގެންނަން އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.