23 Jun 2020, 16:55
ޖުލައި މަސް ނިމޭއިރު ރާއްޖޭގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ކެޕޭސިޓީ ދުވާލެއްގެ މައްޗަށް 3000 އަށް އިތުރު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް19 އާއި ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ދުވަސް އިއުލާނުކުރެއްވުމަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ކޮވިޑަށް ޝައްކުވެގެން ރާއްޖެއިން އެންމެ ފުރަތަމަ ޓެސްޓު ކުރަން ޖެހުނު ހަތް މީހުންގެ ޓެސްޓު ސާމްޕަލްތައް ފޮނުވަން ޖެހުނީ ރާއްޖެއިން ބޭރަށް ކަމަށެވެ.
ކޮވިޑް 19 އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔާ ދެކޮޅަށް ހުރިހާ ގައުމަކަށްވެސް ކުރިމަތިވީ އެއް ގޮންޖެހުންތަކެއް ކަމަށެވެ. މިކަމުގައި ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމުތައްވެސް އިސްތިސްނާ ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ގައުމަކުންވެސް ދިޔައީ އެކްސްޕެރިމެންޓު ކުރަމުން، އާ ގޮތްތައް ހޯދަމުން. ބަދަލު ކުރަމުން. ރާއްޖެ ވެސް މި ބައްޔާ ކުރިމަތިލީ ހަމަ މި ހާލަތުގައި،" ރައީސް ވިދާޅުވިއެވެ.
ގިނަ ގޮންޖެހުންތައް ރާއްޖެއަށްވެސް ކުރިމަތިވި ކަމަށާއި ނަމަވެސް ގިނަ ބަޔެއްގެ ބުރަ މަސައްކަތުން މިއަދު ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަރަށް ތައްޔާރު ވެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދު އިރާދަ ކުރެއްވިއްޔާ ރާއްޖޭގައި ދުވާލަކު އެއްހާހަށްވުރެ ގިނަ ޓެސްޓު އެބަ ހެދޭ. އައްޑޫގައި މިމަހުގެ 21 ވަނަ ދުވަހުވަނީ ޕީސީއާރު ޓެސްތު ހަދަން ފަށާފައި،އިރާދަ ކުރެއްވިއްޔާ ކުޅުދުއްފުށީގައިވެސް އަންނަ މަހުގެ ތެރޭގައި ކޮިވޑަށް ޓެސްތު ކުރަން ފެށުން ވަނީ ތައްޔާރުވެފައި،" ރައީސް ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރަނީ މާލޭގައި އައިޖީއެމްއެޗާއި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ އަދި އޭޑީކޭގައެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ އާބާދީގެ ނިސްބަތުން މި ސަރަހައްދުގައި އެންމެ ގިނަ އަދަދަކަށް ކޮވިޑަށް ޓެސްޓު ކުރެވޭ ގައުމު ކަމަށެވެ.
"މިހާތަނަށް ރާއްޖޭގައި 41699 ޕީސީއާރު ޓެސްޓު ހެދިއްޖެ. މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް 250 އައިސީޔޫ އެނދު އަދި 655 އައިސޮލޭޝަން އެނދު މިހާރު އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ޖުލައި މަހުނބް ފެށިގެން ސަރުކާރު އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓުތައް ހާއްސަ އިންތިޒާމެެއްގެ ތެރެއިން ހުޅުވާލާ މާލެ ސަރަހައްދުގެ މިސްކިތްތަކުގައިވެސް ޖަމާއަތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.