އާ އަހަރާ ކުރިމަތިލި ރޭ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި ކުނިއުކާލަން ދިޔަ ދިވެއްސެއްގެ އިތުރުން ބަންގުލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލީ ރޭ މެންދަމު 1:40 ހާކަންހާއިރު، ބޮޑު ތަކުރުފާނުމަގުގައި ހުންނަ ބޮޑު ކުނިގޮނޑު ކައިރިން ކަމަށެވެ. އަދި ރޭ ފަތިހު ކުނި އުކާލަން ދިޔަ 46 އަހަރުގެ ދިވެއްސަކަށް ވެސް އެ ސަރަހައްދުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ މޭމަތިން ބޮޑު ޒަޚަމެއް ފެންނަން ހުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ރޭ ހަމަލާދީފައި ވަނީ ވޯކްސް ކޯޕަރޭޝަނުގައި މަސައްކަތް ކުރާ ބަންގުލަދޭޝް މީހަކަށް ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ ވެސް ބުރަކަށިން އިންޗިއެއްހާ ދިގުމިނަށް ކަފައިގެން ގޮސްފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ.

ޒަޚަމްކޮށްލި ތިން މީހުންނަށް ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުން ނެވެ.

ފުލުހުން ބުނީ އެ ތިން ހާދިސާ އަކީ ވެސް އެއްބަޔަކު ހިންގާފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މައްސަލައާ ގުޅުން ހުރި މީހުން ހޯދަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.