ޖެނީވާ (ޖޫން 23): ކޮރޯނާވައިރަސް ބަލިމަޑުކަން ސިޔާސީ ކަމަކަށް ހެދުމުން ދުނިޔޭގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި މިހާރު ދުނިޔެއަށް ވައިރަހަށް ވުރެ ބޮޑު ނުރައްކަލަކީ ދުނިޔޭގައި އެއްބައިވަންތަކަމާއި ލީޑާޝިޕް ނެތުމެވެ. އަދި އެންމެން ބައިބައިވެގެން ތިބެގެން ބަލިމަޑުކަމުން އަރައިނުގަނެވޭނެ އެވެ.

"މިހާރު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ވައިރަހެއް ނޫން؛ އެއީ ދުނިޔޭގައި އެއްބައިވަންތަކަމާއި ލީޑާޝިޕް ނެތުން. މި ދުނިޔެ ބައިބައިވެފައި އޮންނަ ނަމަ ބަލިމަޑުކަމުން އަރައި ނުގަނެވޭނެ. ބަލިމަޑުކަން ސިޔާސީ ކުރުމުން ހާލަތު ވަނީ އިތުރަށް ގޯސްވެފަ،" ޓެޑްރޮސް ވިދާޅުވި އެވެ.

ޓެޑްރޮސް އެފަދައިން ވިދާޅުވެފައި ވަނީ ޑަބްލިޔުއެޗްއޯއިން ބަލިމަޑުކަމާ ކުރިމަތިލި ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވި ފަހުންނެވެ. އެގޮތުން ޓްރަމްޕް ވަނީ ޑަބްލިޔުއެޗްއޯ އޮތީ ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އެގައުމާ ގުޅިގެން އެ ޖަމްއިއްޔާއިން ވައިރަހާ ބެހޭ މައުލޫމާތު ފޮރުވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި މިދިޔަ މަހު ޓްރަމްޕް ވަނީ އެމެރިކާއާ އެ ޖަމްއިއްޔާއާ އެކު އޮތް ގުޅުންތައް ކަނޑާލައްވާފަ އެވެ.

މުޅި ދުނިޔެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ނުވަ މިލިއަނަށް އަރާފަ އެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 4.5 މިލިއަން މީހުންނެވެ. އަދި 472,521 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.