މުމްބާއީ (ޖޫން 23): އިންޑިއާއާއި ޗައިނާގެ އަސްކަރިއްޔާއިން އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު، އިރުމަތީ ލަދާކްގައި އޮންނަ ދެ ގައުމުގެ ބޯޑަރުގައި ހަމަނުޖެހުންތައް އުފެދިފައިވާ ސަރަހައްދުތަކުން ސިފައިން ފަހަތަށް ޖައްސަން ދެ ފަރާތުން އެއްބަސްވެއްޖެ އެވެ.

އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން އެގައުމާއި ޗައިނާ ވަކިކޮށްދޭ ލައިން އޮފް އެކްޝުއަލް ކޮންޓްރޯލް (އެލްއޭސީ)ގެ ޗައިނާ ފަޅީގައި އިއްޔެ ވަނީ ދެ ގައުމުން ލެފްޓެނެންޓް ޖެނެރަލް ފެންވަރުގައި މަޝްވަރާތައް ބާއްވާފަ އެވެ. އަދި ގާތްގަނޑަކަށް 11 ގަޑި އިރަށް ދެމިގެން ދިޔަ އެ މަޝްވަރާތަކުގައި ދެ ގައުމުން ވަނީ އިރުމަތީ ލަދާކްގެ ބޯޑަރުގައި ހަމަނުޖެހުންތައް އުފެދިފައިވާ ސަރަހައްދުތަކުން ދެ ގައުމުގެ ސިފައިން ފަހަތަށް ޖައްސަން އެއްބަސްވެފަ އެވެ. އަދި ސިފައިން ފަހަތަށް ޖައްސާނެ ގޮތާ ބެހޭ ގޮތުން އަދި އިތުރު ވާހަކަތައް ބާއްވަމުން ދާނެ އެވެ.

އިންޑިއާއާއި ޗައިނާއިން އެ މަޝްވަރާތައް ބޭއްވީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އިންޑިއާގެ ލަދާކްގައި ޗައިނާއާ ގުޅޭ ބޯޑަރުގައި، ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ތަޅާފޮޅުމަކަށް ފަހުގަ އެވެ. އެ ހާދިސާގައި އިންޑިއާގެ 20 ސިފައިންގެ މީހަކު މަރުވި އެވެ. އަދި ޗައިނާގެ ސިފައިންވެސް މަރުވި ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޗައިނާއިން އެކަން ކަށަވަރުކޮށްދީފައި ނުވެ އެވެ.

އެ ހާދިސާގައި އިންޑިއާގެ ސިފައިން މަރުވުމާ ގުޅިގެން އެގައުމުގެ ބައެއް މީހުން ދަނީ ޗައިނާގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް ގޮވާލަމުންނެވެ. އެގޮތުން އިންޑިއާގެ 70 މިލިއަން ވަރަކަށް ވިޔަފާރިވެރިން ތަމްސީލުކޮށްދޭ ކޮންފެޑެރޭޝަން އޮފް އޯލް އިންޑިއާ ޓްރޭޑާސްއިން ވަނީ ޗައިނާގެ އުފެއްދުންތައް ބޯއިކޮޓްކޮށް، އެގައުމާ އެކު ހަދާފައިވާ ކޮންޓްރެކްޓުތައް އުވާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

މީގެ އިތުރުން މަހާރަޝްތުރާގެ ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި އެ ސަރުކާރުން ޗައިނާގެ ތިން ކުންފުންޏަކާ އެކު ހެދި 50 ބިލިއަން ރުޕީސް (658 މިލިއަން ޑޮލަރު)ގެ ތިން އެއްބަސްވުމެއް ހުއްޓުމަކަށް ގެނެސްފަ އެވެ. އަދި އެ އެއްބަސްވުންތަކުގެ މަސައްކަތް ކުރިއަށްގެންދާނީ އެފަދަ މަޝްރޫއުތަކާ ބެހޭ ގޮތުން މައި ސަރުކާރުން ވަކި ސިޔާސަތެއް އިއުލާން ކުރުމުން ކަމަށް ބުނެފަ އެވެ.

އިންޑިއާއާއި ޗައިނާގެ މެދުގައި އޮންނަ ބޯޑަރުގެ އިމާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި ދެބަސްވުންތައް އުފެދިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި އޭގެ ސަބަބުން ބޯޑަރު ކައިރީގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ބައެއް ފަހަރު ތަޅާފޮޅުންތައް ކުރިއަށް ގެންދެ އެވެ. ނަމަވެސް މިދިޔަ ހަފްތާގެ ހޯމަ ދުވަހަކީ 1975ގެ ފަހުން އެ ބޯޑަރުގައި ހިނގި ހަމަނުޖެހުމެއްގައި ސިފައިން މަރުވި ފުރަތަމަ ފަހަރެވެ.