01 Jan 2012, 14:36
ނ. މިލަދޫ ތިން ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައި ގެއެއްގެ އިލެކްޓްރިކް ސާމާނުތަކެއްގައި ރޯވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ވައްކަން ކުރި އެއް ގެއިން 63،000ރ. ވަގަށް ނަގައި އެހެން ގެއަކުން 19،000ރ. ވަގަށް ނެގުމަށް ފަހު އެގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ބައެއް ސާމާނުތަކުގައި ރޯކޮށްލާފައިވާ ކަމަށެވެ.
"މީހުން ނޫޅޭ ގަޑި ބަލާފައި އިއްޔެ ހަވީރު އެއް ގެއަކުން 19000ރ. ވަގަށް ނެގުމަށް ފަހު އެގޭގައި ހުރި އިލެކްޓްރޯނިކް ސާމާނުތަކެއްގައި ރޯކޮށްލައިފައި ވަނީ،" އޭނާ ބުންޏެވެ.
މިލަދޫ ކައުންސިލުގެ ރައީސް ހަސަން ޢައްސާން މިއަދު ވިދާޅުވީ ފާއިތުވި ދެ ދުވަހުގައި އެ ރަށު ތިން ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ގެތަކުން ވަގަށް ނަގާފައިވާ ފައިސާގެ އަދަދު ސީދާ ބުނަން ނޭނގޭ ކަމަށެވެ.
"އެއް މައްސަލަ އިއްޔެ ހަވީރު ރިޕޯޓު ކުރީ. ރޭގެ ވަގުތެއްގައި އަނެއް ދެ މައްސަލަ ރިޕޯޓު ކުރީ. އެސްޓިމޭޓެޑް އަދަދުތަކެއް އެމީހުން ކިއަނީ. އެހެންވީމަ ނޭނގޭ ވަގަށް ނެގީ ކިހާ ފައިސާއެއް ކަމެއް ބުނަން،"
ގެއެއްގައި އަލިފާން ރޯކޮށްލި މައްސަލައާ ގުޅިގެން ޢައްސާނު ވިދާޅުވީ އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ލަފާނުކުރެވޭ ކަމަށާއި އެ ހާދިސާ ހިގަން ދިމާވީ އިލެކްޓްރިކް ސޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި މޯލްޑިވެސް ޕޮލިސް ސާވިސަސް އިން އެ ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި މައްސަލަތަކުގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެފަދަ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.