ރާއްޖޭގެ ލީޑިން ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް ރިސާރޗް އެންޑް އިނޮވޭޝަންގެ ފަރާތުން އިންތިޒާމްކުރި އޮންލައިން ވެބިނާ ސީރީސް 200 ބައިވެރިންނާ އެކު އިއްޔެ ފަށައިފި އެވެ.

ޒޫމް ބޭނުންކޮށްގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ވެބިނާ އަކީ ޕީއެޗްޑީ ތީސިސް، މާސްޓަރސް ޑިޒަރޓޭޝަން އަދި އެހެނިހެން ދިރާސާ ޕްރޮޖެކްޓްތައް ބައިނަލް އަގުވާމީ ގޮތުން ފުންނާބު އުސް ޕިއާ ރިވިއުޑް ޖާނަލްތަކުގައި ޝާއިއު ކުރުމުގައި ލިޔަން ޖެހޭ އުސޫލުތަކާއި އުކުޅުތައް އުނގަންނައި ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ވެބިނާއެކެވެ.

އެ ވެބިނާގެ ބައިވެރިންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ރިސާޗް ދާއިރާތަކުގެ ބޭފުޅުންނާއި މަތީތަޢުލީމު ހާސިލްކުރައްވަމުންގެންދަވާ ދަރިވަރުންނާއި ލެކްޗަރާއިންނާއި ސްކޫލްތަކު މެނޭޖްމެންޓްގެ ބޭފުޅުންނާއި ޓްރެއިނަރުންކަމަށް އެވިޑުން މައުލޫމާތުދެ އެވެ.

އެގޮތުން އެ ވެބިނަރގައި ޕީއެޗްޑީ ހައްދަވަމުންގެންދަވާ 38 ބޭފުޅުން، މާސްޓަރސް ލެވެލްގައި މަތީ ތައުލީމު ހާސިލް ކުރައްވަމުންގެންދަވާ 90 ބޭފުޅުން، ފުރަތަމަ ޑިގްރީއާއި އެނޫން ލެވެލްތަކުގެ 75 ބޭފުޅުން ހިމެނެއެވެ. އިންޑޮނިޝިއާ ، ސްރީލަންކާ ، އިންޑިއާ އަދި މެލޭޝިޔާ ބޭފުޅުން ހިމެނޭގޮތަށް އެެވެބިނާގައި 25 ބޭފުޅުން ބައިވެރިވެލައްވައެވެ.

ވެބިނާރގައި ތަގުރީރު ކުރައްވަމުންގެންދަވަނީ މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީ އެއް ކަމުގައިވާ "ޔުނިވަރސިޓީ ސައިންސް މެލޭޝީއާ" ގެ ޕްރޮފެސަރ ޑޮކްޓަރ މުހައްމަދު ކަމަރުލް ކަބިލާން އެވެ.

ޕްރޮފެސަރ ޑޮކްޓަރ ކަބިލާން އަކީ އިލްމީ ދިރާސާކުރުމާއި ޕަބްލިޝްކުރުމުގައި ވަރަށް ފުންނާބު އުސްބޭފުޅެކެވެ. ގޫގުލް ސްކޮލާރގައި އެބޭފުޅާގެ ލިޔުންތަކަށް ނަކަލުކޮށްފައިވާ އަދަދު އުޅެނީ 1900 އާއި ގާތް ކުރެއެވެ. މީގެ އިތުރުން އެބޭފުޅާއަކީ މަޝްހޫރު ޖާރނަލްއެއް ކަމުގައިވާ "ބްރިޓިޝް ޖަރނަލް އޮފް އެޑިޔުކޭޝަނަލް ޓޭކްނޮލޮޖީ" ގެ އެޑިޓޯރިއަލްބޯޑުގެ މެމްބަރެއްވެސް މެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ އެންމެބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެކި ދާއިރާތަކުން ތަފާތު ކޯސްތަކުގައި ދެހާހަށްވުރެ ގިނަކުދިން އެވިޑް ކޮލެޖްގައި މަތީ ތަޢުލީމު ހާސިލްކުރަމުން ގެންދެއެވެ.