23 Jun 2020, 12:07
ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން، މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އަވަހާރަ ވުމާ ގުޅިގެން، ކޮމިޝަނާ ޖެނެރަލް އެއް އައްޔަނު ކުރެވެންދެން އެ މުވައްސަސާގެެ ހިންގުމާ ހަވާލުވެ ހުންނެވީ ވެސް ޝަރީފެވެ.
ޢަބްދުﷲ ޝަރީފަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އޮފީހުން ބުނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޝަރީފް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.
ނުއުމާން އަވަހާރަވީ ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގެން ހުންނަވަނިކޮށެވެ. ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ.