23 Jun 2020, 13:57
ކޮވިޑް19އާ ގުޅިގެން ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރު ބަންދުކުރި ފަހުން މިހާރު ތިން މަސް ވަނީ އެވެ. ނަމަވެސް މި ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވުމާއެކު، އަންނަ ޖުލައި މަހު ޓޫރިޒަމް އަލުން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ސިނާއަތް އަލުން ފަށާނީ ކޮވިޑާއެކު ވެސް ޓޫރިޒަމް ކުރިއަށްގެންދެވޭނެ ގޮތަށް، އާ ގައިޑްލައިންއާ އެކު އެވެ.
ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަން ފެށީ މިދިޔަ ރޯދަ މަހުގެ ފަހުކޮޅުގަ އެވެ. އެންމެ ލަސްވެގެން މި ޖޫން މަހުގެ 15ވަނަ ދުވަހު ގައިޑްލައިން އާންމު ކުރާނެ ކަމަށް ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޖޫން މަސް ނިމެން ބާކީ އޮތީ ހަފުތާއެއް ހާ ދުވަހެވެ. އަދިވެސް އެ ގައިޑްލައިން އާންމުކޮށްފައެއް ނުވެ އެވެ. އަދި ޓޫރިޒަމް ފަށާނެ ސީދާ ވަކި ތާރީހެއް ވެސް ސަރުކާރުން ހާމަކޮށްފައި ނުވާތީ، އެ ސިނާއަތުގެ މަސްއޫލުވެރިން ތިބީ ދެން ކަންތައް ކުރަންވީ ގޮތް ނޭނގިފަ އެވެ.
މަޓާޓޯގެ ނައިބު ރައިސް އަބްދުﷲ ގިޔާސް "ސަން"އަށް ވިދާޅުވީ ޓޫރިޒަމް ފަށާނެ ސީދާ ވަކި ތާރީހެއް ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށެވެ. އަދި ބޭރުގެ ބައެއް ގައުމުތަކުން ވެސް އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށް ގިޔާސް ވިދާޅުވި އެވެ.
"އެއާލައިންތަކުން ވެސް ބޭނުންވަނީ ތާރީހެއް. އެއީ ޖުލައި ވިޔަސް، އޮގަސްޓް ވިޔަސް ސެޕްޓެމްބަރު ވިޔަސް އެބަޖެހޭ ތާރީހެއް ދޭން އަޅުގަނޑުމެންގެ އޮޕަރޭޓަރުންނަށް ވެސް. ވާގޮތަކީ އޯވަނައިޓްކޮށް ހުޅުވާލައިގެން ވިއްކަން ފެށީމާ އޯވަނައިޓްކޮށެއް ނޫން ޓުއާ އޮޕަރޭޓަރުން ހޮލިޑޭ ޕެކޭޖު ތައްޔާރުކުރަނީ. ދުވަސް ނަގާނެ އެކަން ކުރަން." ގިޔާސް ވިދާޅުވި އެވެ.
"ސަޖެއްޝަންއަކީ ވަރަށް ގިނަ ގައުމުތަކުން މިހާރު ޑޭޓެއް ދީފި، ލަންކާއިން ވެސް ބުނަނީ އޮގަސްޓް ފުރަތަމަ ދުވަހޭ. އަޅުގަނޑަށް ވެސް އެނގޭ ވަރަށް ގިނަ ކަންތައްތައް އެބަހުރިކަން ތައްޔާރުވާން ޖެހޭ. އެކަމަކު ވެސް ޑޭޓަކަށް އަޅުގަނޑުމެން މި ޕުޝް ކުރަނީ،"
މަޓާޓޯގެ ނައިބު ރައީސް އަބްދުﷲ ގިޔާސް "ސަން" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން--- ސަން ފޮޓޯ
ގިޔާސް ވިދާޅުވީ މަޓާޓޯގެ ޓުއާ އޮޕަރޭޓަރުންގެ ތެރޭގައި ޗާޓަރުތައް ހަދާ ފަރާތްތައް ވެސް ހިމެނޭ ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް ވެސް މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް އެނގޭނީ ވަކި ތާރީހެއް ކަނޑައެޅުމުން ކަމަށެވެ.
"އެމީހުންނަށް ވެސް އެމީހުންގެ ޕާޓްނަރުންނާ އިންޓަނޭޝަނަލް އޮޕަރޭޓަރުންނާ ވާހަކަ ދައްކާލެވޭނީ ވެސް ޕްރޮސީޖާ އެނގުނީމަ. އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ ކީއްވެގެން ކަމެއް މިހާބޮޑު ލަސްކަމެއް އައީ، އަޑުއިވޭ މި ހަފުތާގައި ކޮންމެވެސް ކަހަލަ އަޕްޑޭޓެއް ލިބޭނެ ކަމަށް." ގިޔާސް ވިދާޅުވި އެވެ.
އާ ގައިޑްލައިންގައި ރިސޯޓުތަކުންނާއި އެއާޕޯޓުތަކުން އަމަލުކުރަން ޖެހޭ އާ އުސޫލުތައް ވެސް ހިމަނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް އެ އުސޫލުތަކުގެ ތަފްސީލެއް ނުލިބި ލަސްވުމާއެކު ރިސޯޓުތަކުގެ ކަންބޮޑުވުންތައް ވެސް ނުހަނު ބޮޑެވެ.
ކުރިން ވިލާ ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަދި މިހާރު ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ޓޫރިޒަމް ފަށާނެ ސީދާ ވަކި ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވާތީ ވާން ޖެހޭ ތައްޔާރީތައް މަޑުޖެހިފައިވާ ކަމަށެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓު --- ފޮޓޯ/ ބުކިން. ކޮމް
"ތާރީހެއް އިއުލާނު ނުކުރާ ކަމަށް ވާނަމަ، އެންމެ ބޮޑަށް ދިމާވާނެ މައްސަލައަކަށް އޮންނާނީ އޮޕަރޭޓަރުންނާތާ ޑީލް ކުރަމުން މި އަންނަނީ. ގެސްޓުން އަންނަނީ އެމީހުން މެދުވެރިކޮށް. އެމީހުންނަށް [އޮޕަރޭޓުންނަށް] ހުޅުވާ ދުވަހެއް އެންގެން ޖެހޭނެ. އޭރުން އެކޮޅުން އެބައި ކުރިއަށްގެންދެވޭނީ. ފަހު ވަގުތުގައި މާދަމާ ހުޅުވަނީއޭ ބުންޏަސް އަޅުގަނޑުމެންނަށް ވެސް އެއްވެސް ބަޔަކާ މުއާމަލާތު ކުރެވިފައެއް ނޯންނާނެ، އެމީހުންނަށް ވެސް ނޯންނާނެ. އޭރުން ހަމަ ގެޕެއް އަންނާނީ." ގައިސަރު ވިދާޅުވި އެވެ.
މީގެ އިތުރުން ރިސޯޓުތައް ބަންދުކުރުމާއެކު ވަރަށް ގިނަ މުވައްޒަފުން، ރިސޯޓުތައް ދޫކޮށް އެބަޔަކު ދިރިއުޅޭ ރަށްރަށަށް ނުވަތަ ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށާއި އެމީހުން އަނބުރާ ގެނައުމަށް ވެސް ވަގުތު ބޭނުންވާނެ ކަމަށް ގައިސަރު ވިދާޅުވި އެވެ.
"މިސާލަކަށް އިންޑިއާ މީހުން ވެސް އަދި ބޭރު އެހެން ގައުމުތަކުގެ މީހުން ވެސް، ވަރަށް ގިނަ މީހުން ވަނީ ގޮސްފައި. ދިވެހިން ވެސް 95 ޕަސެންޓު މީހުން މިހާރު ތިބީ އެމީހުންގެ ރަށްރަށުގައި. މީހުން ގެންނަން ވަގުތު ބޭނުންވާނެ. ރަށްރަށުގައި ތިބި މީހުންނަށް ވެސް މި ވަގުތުގައި ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން އެހާ ފަސޭހަ ކަމަކަށް ނުވާނެ. ހުޅުވާނެ ތާރީހެއް ބޭނުންވާ އަނެއް ސަބަބު މިއީ. މާދަމާ ހުޅުވާލާނަމޭ ބުންޏަސް މުވައްޒަފުން ނެތިއްޔާ ރިސޯޓެއް ނުޙުޅުވޭނެ." ގައިސަރު ވިދާޅުވި އެވެ.
ގައިޑްލައިންއާ ގުޅޭގޮތުން ގައިސަރު ވިދާޅުވީ ގައިޑްލައިންއަށް ފަހުން ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ގައިޑްލައިންގައި ހުންނާނެ ކަންތައްތަކަކީ އަމަލު ނުކުރެވޭނެ ވަރުގެ ކަންކަން ނޫން ކަމަށާއި ނަމަވެސް މިހާރަށްވުރެ ހަރަދު ބޮޑުވެދާނެ ކަމަށް ގައިސަރު ލަފާކުރެއްވި އެވެ.
"އަޅުގަނޑުމެން މިހާރު ވެސް ފޮލޯ ކުރަމުން މިދަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް. ޓޫރިޒަމް މިނިސްޓްރީއިން އެ ތައްޔާރުކުރާ ގައިޑްލައިންގައި އެހެން ބަޔަކު ހަދާފައި ހުރި އެއްޗަކާ ވެސް ގުޅުން އެބަހުރި، އަޅުގަނޑު ބެލިން އެ ގައިޑްލައިން. ހޮޓެލް އިންޑަސްޓްރީގެ އެންމެން ވެސް އެއް ގައިޑްލައިންއަކަށް ކަންނޭނގެ ފޮލޯ ކުރާނީ... އޭގެ ތެރޭގައި އުނދަގޫ ބައެއް ކަންތައްތައް ވެސް ހުރެދާނެ އެކަމަކު އަޅުގަނޑުމެންނަށް ކުޑަކޮށް ކޮސްޓްލީ ވާނެ، ނުކުރެވޭ ވަރު ކަމެއް ނެތް އޭގައި." ގައިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޑަރު ހުޅުވާލައިގެން ޓޫރިޒަމް އަލުން ފަށައިގަތް ނަމަވެސް އޮކިއުޕެންސީ ރޭޓުގެ ޕީކަށް ނާރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްވަރު ޓޫރިޒަމްގެ ހުރިހާ ދިމާލަކުން ވެސް ހަރަދު ހަރަދުބޮޑުވާނެ ކަމަށާއި ނަމަވެސް ބަލައިގެން ހަރަދު ކުރުމަކީ މުހިންމު ކަމެއް ކަމަށް ގައިސަރު ފާހަގަކުރެއްވި އެވެ.
ޓޫރިޒަމް ގައިޑްލައިންގެ އާންމުނުކޮށް ލަސްވަމުންދާއިރު، މިދިޔަ ހަފްތާގައި އެ ގައިޑްލައިން ރައީސް އޮފީހާ ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ސަރުކާރުގެ އެއްވެސް ފަރާތަކުން ގައިޑްލައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ. މިކަމާ ގުޅޭ މައުލޫމާތެއް ހޯދަން "ސަން"އިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ގުޅަން ކުރި މަސައްކަތް ވެސް ނާކާމިޔާބުވުމާއެކު މިނިސްޓަރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: ޓޫރިޒަމް
މިހާތަނަށް އައިއިރު ގައިޑްލައިންއާ ބެހޭގޮތުން ކަށަވަރުވެފައިވާ ކަންތައްތަކަކީ ޓޫރިޒަމް މިނިސްޓްރީން ސޯޝަލް މީޑިއާގައި އާންމުކުރި ކުރު ވީޑިއޯއެއްގައި ހިމަނާފައިވާ ނުކުތާތަކެވެ. އޭގެ ތެރޭގައި ފަތުރުވެރިން އަތުން އިތުރު އެއްވެސް ފީއެއް ނުނެގުމާއި އިތުރު ޝަރުތުތަކާ ނުލައި އޮން އެރައިވަލް ވިސާ ދޫކުރުމާއި ފަތުރުވެރިން ކަރަންޓީނު ނުކުރުން ހިމެނެ އެވެ.