އިޒްރޭލްގެ މަތިންދާ ބޯޓުތައް ރާއްޖޭގައި ޖެއްސުމާ ބެހޭ ގޮތުން ދީނީ އިލްމުވެރިންގެ ހިޔާލު ހޯދުމަށް ޓަކައި ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް، ދީނީ އިލްމުވެރިންގެ މަހާސިންތާ އަށް ހުށަހެޅުއްވި މައްސަލައިގައި ބަހުސް ކުރައްވަން ބޭނުން ނުވާ ކަމަށް އިއްޔެ ފާސްކޮށްފި އެވެ.

އިޒްރޭލްގެ ބޯޓުތައް ޖެއްސުމާ ބެހޭ ގޮތުން މަހާސިންތާގައި މަޝްވަރާކުރުމަށް ފުރުސަތެއް ލިބޭ ނަމަ، އެކަން ކޮށްދެއްވުމަށް އާދިލް ސަލީމް އެދިވަޑައިގަންނަވާ ކަން އިއުލާން ކުރެއްވީ އިސްލާމިކް މިނިސްޓަރު އަބުދުލް މަޖީދު އަބުދުލް ބާރީ ކަމަށް އެމިނިސްޓްރީގެ ސްޕޯކްސް ޕާސަން އަހުމަދުﷲ ޖަމީލް ވިދާޅުވި އެވެ.

އޭނާ މިއަދު ވިދާޅުވީ އިސްރާއިލްގެ ފުލައިޓް ޖެއްސުމާ ގުޅޭ މައްސަލައަކީ އެއްގޮތަކަށް ވެސް މަހާސިންތާ އަށް އެޖެންޑާ ކުރެވިފައިވާ މައްސަލައަކަށް ނުވުމުން މަހާސިންތާގެ ބައިވެރިން ނިންމީ އެ މައްސަލަ އެޖެންޑާ ކުރަން ފެނޭތޯ ވޯޓެއް ނަގަން ކަމަށާއި ވޯޓް ނެގުމުން އެ މައްސަލަ އެޖެންޑާކުރަން ނުފެންނަ ކަމަށް ފާސްވި ކަމަށެވެ.

"އެ މައްސަލައަކީ ހިޔާލެއް ހޯދުމަށް ހުށައެޅުނު މައްސަލައެއް. މަޝްވަރާ ކުރަން ކުރިން ނިންމާ ފައިވާ މައްސަލައެއް ވެސް ނޫން. އެހެންކަމުން ވަގުތުގެ ދަތިކަމާއި އެ ބޭފުޅުން މަޝްވަރާ ކުރާން ހުރި ގިނަ ކަންތަކުގެ ސަބަބުން އެ މައްސަލާގައި[އިސްރާއިލް ފުލައިޓް ޖެއްސުމާ ގުޅޭ ގޮތުން] ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން އެކަމާ ބަހުސްކުރާކަށް ފާހެއްނުވި،" އަހުމަދުﷲ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަން އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ އިސްރާއިލްގެ މަތިންދާ ބޯޓް ޖެއްސުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ ބަހެއް ބޭނުންވާ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަ ވާތީ ދިވެހި ރާއްޖެ އަށް އިސްރާއިލްގެ މަތިންދާ ބޯޓް ޖެއްސުމުގެ މައްސަލާގައި ދަތުރު ފަތުރެއް ގާއިމްކުރުން އެއީ ދީނީ ގޮތުން އެއްވެސް ހުރަހެއް އޮތްތޯ ބައްލަވައި ދެއްވުމަށް އިސްލާމިކް މިނސްޓަރުގެ އަރިހުގައި ދެންނެވި ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން އެ ބޭފުޅުން ދެއްވާ ލަފާ ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަންގަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

އިއްޔެ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަހާސިންތާގައި ދީނީ ހިލާފު އުފެދިފައިވާ މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތާއި ކޮންމެ އިހްތިލާފީ މައްސަލައެއްގައި ދެކޭގޮތް ހުއްދަތޯ އާއި މިސްކިތުގެ ތަނބުތަކުގެ ދޭތެރޭގައި ނަމާދުކުރުމާއި ފައިސާ އިން ފިތުރު ޒަކާތް ދެއްކުމާ ގުނޫތު ކިޔުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ.

ފަސްދޮޅަހަށް ވުރެ ގިނަ ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެން ކުރިއށް ގެންދާ މަހާސިންތާގައި އަށް ކަރުދާހެއްގެ މައްޗަށް ދީނީ އިލްމުވެރިން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމިކު މިނިސްޓްރީން ވަނީ ބުނެފަ އެވެ.