23 Jun 2020, 11:59
ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަަދަލުވީ ގޮތް އަދިވެސް ބަލަންވީ ކަމަށާއި އެކަމަށް އެއްބާރުލުން ދޭނެ ކަމަށް އެމަނިކުފާނު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވި، ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދާއި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން އަދިވެސް ބުނަމުން ގެންދަނީ ވެރިކަން ބަދަލުކޮށްފައިވަނީ ރައީސް ވަހީދު ބައިވެރިވި ބަޢާވާތަކުން ކަމަށެވެ. ނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގައި އެކަން ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ އެއީ ބަގާވާތެއް ނޫން ކަމަށެވެ.
ދާދި ފަހުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ މައްސަލަ އަލުން ބަލައިފިނަމަ، އެއީ ބަގާވާތެއްކަން ސާފުވާނެ ކަމަށެވެ. އަދި ވަރަށް ބޮޑަށް އެމްޑީޕީ މަޖިލިސް މެމްބަރުންވެސް ދަނީ އެ މައްސަލަ އަލުން ބެލުމަށް ގޮވާލަމުންނެވެ.
އިދިކޮޅު ހަރަކާތުގެ އެޑްވައިޒަރަކަށް ރައީސް ވަހީދު ހަމަޖެއްސިކަން އިއުލާން ކުރުމަށް ޕީޕީއެމް-ޕީއެންސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން ރައީސް ޑރ. ވަހީދު ވިދާޅުވީ، އެމައްސަލަ ދެންވެސް ބަލަންވީ ކަމަށާއި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން އެ މައްސަލައަށް ލިބޭނެ ކަމަށެވެ.
"އާދެ، އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބި ވަޑައގަންނަވާނެ އެ މައްސަލަ ބައްލަވާކަމަށްވާނަމަ. އެއީ އެކަމުގައި ނެތް އެއްވެސް މައްސަލައެއް،" ވެރިކަން ބައްދަލުވި ގޮތް އަލުން ބެލުމަށް ތާއީދު ކުރައްވާނަންތޯ ސުވާލު ކުރުމުން ރައީސް ވަހީދު ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަހީދު ވާހަކަ ދައްކަވަނީ: ވެރިކަން ބައްދަލުވީ ގޮތް އަލުން ބަލާނަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ވަހީދު ވިދާޅުވީ، ވެރިކަން ބައްދަލުވި ތަހުގީގު ކުރުމަށް އޭރު އުފެއްދެވި ރިޔާސީ ކޮމިޝަނަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި އެ ތަހުގީގުން ކުށްވެރިވަނީ އެެމަނިކުފާނު ކަމަށް ނިންމައިފި ނަމަ އޭރުވެސް ހުރީ ވެރިކަމުން އިސްތިއުފާ ދިނުމަށް ތައްޔާރަށް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ. މިހާރު އަލުން އެ މައްސަލަ ބެލަން ފެށި ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ނަޝިދު ފެބްރުއަރީ ހަތެއްގައި އިސްތިއުފާ ދެއްވީ، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަަރާތައް ހޫނުވެ، އެންމެ ފަހުން ސަލާމަތީ ބާރުތަކުންވެސް މުޒާހަރާއިގައި ބައިވެރިވެ، ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތްތަކަށް ފަހު އެވެ.
ޑރ. ވަހީދު ވިދާޅުވި ގޮތުގައި ފެބްރުއަރީ 7 ގައި ވެރިކަން ބައްދަލުވެގެން އައި ގޮތަކީ އުފާކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކަންކަން ދިޔުމަށް ނޭދޭ ކަމަށްވެސް ވިދާޅުވި އެވެ.
"ފެބްރުއަރީ 7 ގައި ރާއްޖޭގެ ވެރިކަމަށް ވަރަށް ބޮޑު ލޮލުމެއް އައީ. އެއީ އަޅުގަނޑުމެން އުފާކުރާ ކަހަލަ ކަމެއް ނޫން. ޑިމޮކްރެޓިކް ގައުމެއްގައި ސްމޫތްކޮށް ކަންކަން ދިޔުން އެންމެ ރަނގަޅު ގޮތަކީ. އެހެން ނަމަވެސް ކަން ދިމާވި ގޮތުން އެގޮތަށް ފުރޮޅިގެން ދިޔައީ،" ރައީސް ނަޝީދުގެ ނައިބު ރައީސްކަމުގައި ހުންނެވުމަށްފަހު، ވެރިކަމަށް ވަޑައިގެންނެވި ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ވެރިކަން ބަދަލުވެގެން ދިޔައީ އުފާވާ ގޮތަކަށް ނޫން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ވަހީދު ވިދާޅުވީ، އެކަން ބެލުމަށްޓަކައި ރިޔާސީ ކޮމިޝަނަށް ބޭފުޅުން އައްޔަން ކުރީވެސް ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތަޖުރިބާކާރު ބޭފުޅުންނާއި އެމްޑީޕީން ބޭނުންވާ ބޭފުޅުންވެސް ފުރުސަތު ދެއްވައިގެން، އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ.
"އެ ރިޕޯޓަށް ވުރެ މޮޅު ރިޕޯޓެއް ހައްދަވަންޏާ ޖެހޭނީ އެއަށް ވުރެ ފުންނާބު އުސް ބައެއް ހޯއްދަވަން [ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން]. އެއަށްވުރެ، ވަކި ފަރާތްތަކަށް ނުޖެހޭ ޖަމާއަތްތަކެއްވެސް ހޯއްދަވަން ޖެހޭނީ. އެހެން ނޫނީ އެ ނުވާނެ އެއްޗަކަށް އަޅުގަނޑު ކުރިމައްޗަކު. މިއީ ކުޅޭކުޅޭ ކުޅިވަރެއް ނޫން. އެކަން އެއޮތީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ކުރެވޭނެ އެންމެ ރަނގަޅަށް އެކަން ކޮށްފައި. އަޅުގަނޑުގެ އދ.ގެ ތަޖުރިބާގެ މައްޗަށް އެކަން ކުރީ އެ ފިޔަވަޅު އެޅީ،" ރާއްޖޭގެ އެންމެ ފުރަތަމަ ޕީއެޗްޑީ ހޯލްޑަރު، ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ކުރިމަތިވި ނާކާމިޔާބަށްފަހު ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވަ އެވެ. އޭގެ ފަހުން އެމަނުކުފާނު ވަނީ އަމިއްލަފުޅު ޕާޓީ، ގައުމީ އިއްތުހާދު އުވާލުމަށް ފަހު، އެ އަހަރު ޑިސެމްބަރު 25 ގައި ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. ނަމަވެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިއަދާހަމަށް ދެމިހުންނެވި ނަމަވެސް އޭގެ ފަހުން އެމަނިކުފާނު ޕީޕީއެމްގެ ހަރަކާތްތަކުން ފެނިގެން ގޮސްފައެއް ނުވެ އެވެ.