އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ގޯލު ޖަހައި އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑެއް މުގުރާލައިފި އެވެ.

ތިން މަސްދުވަހުގެ މެދުކެނޑުމަކަށްފަހު އިޓާލިއަން ލީގުގެ ކުޅުން މި ހަފުތާގައި ފެށި އިރު ރޭ ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާއެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެ ވަނައިގައި 26 މެޗުން 62 ޕޮއިންޓް ޕޮއިންޓް ހޯދައިގެން އޮތީ ލާޒިއޯ އެވެ. އަދި ތިން ވަނައިގައި 26 މެޗުން 57 ޕޮއިންޓް ހޯދައިގެން އޮތީ އިންޓަ މިލާނެވެ.

ރޭ ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސް އަށް ލީޑް ނަގައި ދިނީ 23 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ ޑިފެންޑަރު މެތިޖްސް ޑިލިޓްއަށް ބޮލޯނިއާގެ ކުޅިންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި ގޯލާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ އިޓާލިއަން ލީގުގައި އެންމެ ގިނަ ގޯލު ޖެހި ޕޯޗުގީސް ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ މި ރެކޯޑް މި މުގުރާލީ އަށް އަހަރު ދުވަސްވަންދެން އިޓަލީގެ ކުލަބުތަކަށް ކުޅުނު ރުއީ ކޮސްޓާއަށް ވުރެން އެއް ގޯލު އިތުރަށް ޖަހައިގެންނެވެ. ރުއީ ކޮސްޓާ 1994 އާއި 2006 އާއި ދެމެދު ފިއޮރެންޓީނާއާއި މިލާން ފަދަ ކުލަބުތަކަށް ކުޅުނު އިރު އޭނާ ޖަހާފައިވަނީ 42 ގޯލެވެ.

ރޮނާލްޑޯ ދޮޅު އަހަރުގެ ތެރޭގައި 43 ގޯލު ހަމަކުރި އިރު އޭނާ ވަނީ މި ސީޒަނުގައި ވެސް 22 ގޯލު ޖަހައިފަ އެވެ. އިޓާލިއަން ލީގުގެ އިތުރުން ރޮނާލްޑޯ ވަނީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލަލީގާގެ އެންމެ ގިނަ ގޯލު ޖެހި ޕޯޒުގީސް ކުޅުންތެރިޔާގެ ލަގަބު ހޯދައިފަ އެވެ.

ޔުވެންޓަސް އިން ލީޑް ފުޅާކުރީ 36 ވަނަ މިނެޓުގައި ޕައޮލޯ ޑިބާލާ ޖެހި ގޯލުންނެވެ. އޭގެ ފަހުން ދެވަނަ ހާފުގައި ރޮނާލްޑޯ ދެވަނަ ފަހަރަށް ބޮލޯނިއާގެ ގޯލް ފޫއަޅުވާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ގޮތުގައެވެ. މި މެޗުގެ 90 ވަނަ މިނެޓުގައި ޔުވެންޓަސްގެ ފުބްލެކް ޑަނީލޯއަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައިފަ އެވެ.