23 Jun 2020, 08:37
ކޮރޯނާ ވައިރަސް ފެތުރޭތީ މާލެ ފުރަބަންދުކުރުމާ ގުޅިގެން ފުރަބަންދާ ހިލާފުވި އެކަކު، 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުހީ" ޕްރޮގްރާމްގައި ފުލުހުންގެ ސުޕްރިންޑެންޓް ހުސެއިން ސަމީރު ވިދާޅުވީ ފުރަބަންދާ ހިލާފުވެގެން މީހުން ޖޫރިމަނާކުރަނީ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު އެކަން ތަކުރާރު ކުރުމުން ކަމަށެެވެ. އަދި އެކަން ތިންވަނަ ފަހަރަަށް ތަކުރާރުކުރުމުން ހައްޔަރުކުރާ ކަމަށާއި އަދި ހައްޔަރުކުރާ ކޮންމެ މީހަކަށް ދައުވާ ކުރަން ފުލުހުން ޕީޖީއަށް ފޮނުވާ ކަމަށެވެ.
"އެއް ފަރާތެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ގާތްގަނޑަކަށް 28 ފަހަރު އެކަކު ފައިން ކުރެވިފައި އެބަހުރި. އާންމު ގޮތެއްގައި ގިނަ މީހުން ހުންނާނީ އެއްފަހަރު ދެފަހަރު ފައިން ކުރެވިފައި. އެހެން ނަމަވެސް މަދު ފަރާތްތަކުން އެބަހުރި ގިނަ ފަހަރު ޖޫރިމަނާ ކުރެވިފައި" ސަމީރު ވިދާޅުވި އެވެ.
މާލެ އެންމެ ފުރަތަމަ މަދުގަޑިއިރުކޮޅަކަށް ފެބްރުއަރީ މަހުވެސް ފުރަބަންދު ކުރި އެވެެ. އޭގެ ފަހުން މާލެ އެއްކޮށް ފުރަބަންދުކުރީ އޭޕްރީލް 15 ވަނަ ދުވަހު އެވެ. އަދި ފުރަބަންދު އުވާލީ ވަރަށް ފަހުންނެވެ. އެ މުއްދަތުގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ 9361 މީހަކު މާލެ ސަރަހައްދުން ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި މާލެއިން 8371 މީހުންނާއި ހުޅުމާލެއިން 833 މީހުންގެ އިތުރުން ވިލިނގިލީގެ 150 މީހަކުވެސް ހިމެެނެ އެވެެ.
ސަމީރު ވިދާޅިވީ މާލޭގައި އުޅޭނެ ވަކިތަނެއް ނެތުމުގެ ސަބަބުން މަޖުބޫރުވެގެން މިސްކިތްތަކުގެ ނޫނީ މާރުކޭޓް އޭރިއާގައި ނިދަމުންދިޔަ މީހުން އިތުރަށް ޖޫރިމަނާކުުރުން ފަދަ ކަންތައްތަވެސް ހިނގައިދިޔަ ކަމަށެވެ. އެހެން ނަމަވެސް ފަހުން ބައެއް އިދާރާތަކުން އެފަދަ މީހުންނަށް އުސޫލްތަކެއް ހަމަޖައްސައިދީ އެމީހުންނަށް ނިދުމާއި ކެއުމާއި އެމީހުން ބެލެހެއްޓުމުގެ ކަންކަން ކުރަމުންދިޔަކަން ވެސް ފާހަގަކުރެއްވި އެވެ.