01 Jan 2012, 14:08
ގދ. ތިނަދޫ ހޮސްޕިޓަލުން ތިން މަހުގެ ފިރިހެން ކުއްޖެއްގެ ގަޔަށް އެއް ވެކްސިނެއް ދެ ފަހަރަށް ޖެހި މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.
ތިން މަހުގެ ކުއްޖެއްގެ ގަޔަށް ހެޕަޓައިޓިސް ބީ ޖަހާފައި ވަނިކޮށް އެ ވެކްސިން ދެ ވަނަ ފަހަރަށް އެ ކުއްޖާގެ ގަޔަށް ޖެހި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް މިހާރު ހުށަހަޅާފައިވާ ކަމަށް އެ ކުއްޖާގެ ބައްޕަ ދަފްތަރު، 8868 ނަމްބަރު ޝަހީދު އަބުދުﷲ ބުންޏެވެ.
އޭނާ ބުނީ ދަރިފުޅުގެ ގަޔަށް އެއް ވެކްސިނެއް ދެ ފަހަރަށް ޖެހީ 14 ހަފުތާ ފަހުން ޖަހަން ޖެހޭ ޕޯލިއޯ އާއި ޑީޕީޓީ ޖަހަން މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫ ހޮސްޕިޓަލަށް ދިއުމުން ވެކްސިން ދޭން ހުރި ކުއްޖާ ބަލަންވާ ވަރަށް ނުބަލައި ކަމަށެވެ. އަދި އެދެ ވެކްސިންގެ ބަދަލުގައި ހެޕަޓައިޓިސް ބީ ދަރިފުޅުގެ ގަޔަށް ޖެހުނީ "ބައި މިސްޓޭކް" ]އޮޅިގެން[ އިން ކަމަށް ވެކްސިން ފޮތުގައި ލިޔެފައިވާ ކަމަށް ޝަހީދު ބުންޏެވެ.
"އަޅުގަނޑުގެ އަންހެނުންނާއި ދައްތަ އެއް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ. އަންހެނުންގެ ދައްތަ އަތަށް ދަރިފުޅު ދީފައި ރަޖިސްޓްރީގެ ކަމެއް ރަނގަޅު ކުރަން ދިޔަ ވަގުތު ވެކްސިން ޖެހީ،" ޝަހީދު ބުންޏެވެ.
ޝަހީދު ބުނީ ހެޕަޓައިޓިސް ބީގެ އިތުރުން އެ ދުވަހު ޖަހަން ދިޔަ ދެ ވެކްސިން ވެސް ދަރިފުޅު ގަޔަށް ޖެހި ކަމަށެވެ. އަދި އެހެން ވެކްސިންތައް ޖެހުމުން ދަރިފުޅު ހުން އަންނަ ކަމަށާއި ނަމަވެސް އެ ތިން ވެކްސިން ޖެހިފަހުން ދަރިފުޅު އާދަޔާ ޚިލާފަށް ގިނައިން ރޮއި ހަދާ ކަމަށާއި ހުން އަންނަ ކަމަށެވެ. ނަމަވެސް އެއީ މާ ބޮޑު މައްސަލައެއް ނޫން ކަމަށް ތިނަދޫ ހޮސްޕިޓަލުން ބުނާ ކަމަށް ވެސް ޝަހީދު ބުންޏެވެ.
އެކަމާ ގުޅިގެން ތިނަދޫ ހޮސްޕިޓަލުގެ ބަހެއް ހޯދާލުމަށް ހޮސްޕިޓަލުގެ އިސް ވެރިއަކަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
މީގެ ހަތް މަސް ކުރިން އެ އަތޮޅު ފިޔޯރީގައި ތުއްތު ކުއްޖަކަށް އޯވަޑޯޒްވާ ވަރަށް ވެކްސިން ދިން މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް އަށާއި އަޕާ ސައުތް ހެލްތު ކޯޕަރޭޝަނުން ވަނީ ބަލައިފަ އެވެ.