ޕާޓީއެއްގެ ނަމުގެ ކުރިއަށް ޑިމޮކްރެސީ ލިޔަސް އަދި އެއީ ޑިމޮކްރެޓިކް ޕާޓީއަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މިރޭ ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމް ރައީސް ވަހީދަށް ދެއްވާފައެވެ. މިރޭ ޕީޕީއެމް އިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޑިމޮކްރެސީއަކީ އޭގައި ވަކި އުސޫލުތަކެއް ހިމެނޭ ކަމެއް ކަމަށެވެ.

ޕާޓީއެއްގެ ނަމުގެ ކުރިއަށް ޑިމޮކްރެސީ ލާފައި ނަން ދިނުމަކީ އެޕާޓީއެއް ޑިމޮކްރެޓިކް ވާނެ ސަބަބެއް ނޫން ކަމަށެވެ.

"ޑިމޮކްރެސީއަކީ ނަމެއް ހަމައެކަނި އޮތުމަކުން ވާކަމެއް ނޫން. ޑިމޮކްރެސީއަކީ އެކަން އަމަލީ ގޮތުން ހިންގުމަށްޓަކައި ވަކި އުސޫލުތަކެއް ގެންގުޅޭ ނިޒާމެ. ހަމައެކަނި ނަމުގެ ކުރިއަށް ޑިމޮކްރެސީ އޮތުމަކުންނެއް އަދި ޑިމޮކްރެޓިކް ޕާޓީއަކަށް ނުވާނެ،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަކީ ރާއްޖޭގައި އެންމެ ވަރުގަދަ، ރައްޔިތުން އެންމެ ލޯބިވާ ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި ތަރައްގީވެގެން ދިއުމަކީ އެމަނިކުފާނުގެ އުންމީދު ކަމަށެވެ.

ރައީސް ވަހީދަކީ 2008 ވަނަ އަހަރު އިންތިހާބުވި އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް އެވެ. އޭގެ ފަހުން އޭރުގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރު ހަތްވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ކަމާ ހަވާލުވެވަޑައިގަތެވެ. އަދި 2013 ވަނަ ރިޔާސީ އިންތިހާބުގައިވެސް ރައީސް ވަހީދު ވާދަކުރެއްވި އެވެ. ވަހީދަށް އެ އިންތިހާބުން ލިބިވަޑައިގަތީ ފަސް ޕަސެންޓް ވޯޓެވެ.