23 Jun 2020, 08:49
މާލޭގެ ހުޅަނގު ފަރާތު އެކުވެނި ޓްރެކް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ދުވުމާއި، ކަސްރަތުގެ ޓްރެންޑެއް އައިސްފައިވާ އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތް ކަމެވެ. މިހާރު ގިނަބަޔަކު ބޭނުން ކުރަމުން އަންނަ މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި ބިނާ ކުރި ޓްރެކަކަށްވާއިރު އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެތަނަކީ ރަސްމީކޮށް ކްރިކެޓް ކުޅޭ ޕިޗަކަށް ވެސް ވުމާ އެކު ޓްރެކުގެ ބޭނުން ދުވުމުގެ އިތުރަށް ކްރިކެޓް ކުޅުމަށާއި ކަސްރަތު ކުލާސްތައް ބާއްވަން ބޭނުންކުރެ އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މީގެ ކުރިން އެތަނަކީ ހަމައެކަނި ދުވާ ތަނެއްގެ ގޮތުގައި ބޭނުން ކުރެވޭ ތަނަކަށް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މިހާރު އޮތް ޓްރެކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ޓްރެކެއް އެޅުމުގެ މަސައްކަތް މިއަދު ފަށާފައިވާ އިރު އެ ޓްރެކަކީ އާރްކޭއެލްގެ ސީއެސްއާރުގެ ދަށުން ހިލޭ އަޅައިދޭ ޓްރެކެކެވެ.
"މިހާރު އޮތް ޓްރެކް އެއްކޮށް ނަގައި، އެއް ފޫޓަށް ކޮނެ ވެލި އަޅާ އެއްވަރު ކޮށްފައި ޓްރެކް އަޅާނީ. މިހާރު އޮތް ޓްރެކް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. ކުރިއަށް އޮތް 25 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ހަވާލު ކުރާނެ،" ޓްރެކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކުވެނި ދަނޑުގައި ޓާފް އެޅިފަހުން މިއަހަރަށް 24 އަހަރު ވެފައިވާ އިރު އެތަނަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ދުވަސްވީ އުމުރު ފުރާގެ މީހުން ވެސް ކަސްރަތު ކުރުމާއި، ދުވުމަށް ބޭނުން ކުރާ ތަނެކެވެ.