22 Jun 2020, 21:14
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެމަގާމު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދެއްވައިފިއެވެ.
އެމަނިކުފާނަށް މި މާގާމް އަރުވާފައިވާ ކަން އިއުލާން ކުރެއްވީ މިރޭ އެ ކޮލިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޑރ. ވަހީދު އެ ކޯލިޝަންގެ އެޑްވައިޒަކަށް ހަމަޖެއްސެވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގަޔޫމްގެ މަޝްވަރާގެ މަތިން ކަމަށެވެ.
"މިއަދު ގައުމު ދަތުރުކުރަމުންދާ މިސްރާބު ކަމުނުދާކަމަށް [ޑރ. ވަހީދު] އަމިއްލަފުޅަށް ގަބޫލުފުޅުކުރެވިގެން، ގައުމު އިސްކުރައްވައިގެން ގައުމީ މަސައްކަތް ކުރެއްވުމުގެ ބޭނުމުގައި. ހަމައެއާއެކު މި އަނިޔާވެރި ސަރުކާރުން ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާއަކީ ބަލައިގަނެވޭނެ އަނިޔާއަކަށް ނުވާތީ، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުން މިއަދު އިސްސަފަށް ނުކުމެވަޑައިގަތީ،" އަދުރޭ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް ޑރ. ވަހީދު ޕީޕީއެމަށް ސޮއިކުރައްވާފައި ވަނީ ޑިސެމްބަރު 25، 2013 ގައި ނަސަންދުރާ ހޮޓެލްގައި ބޭއްވި ރަސްމިއްޔަތެއްގައި ރައީސް ޔާމީންގެ ހާޒިރުގައެވެ.
އަދުރޭ ވިދާޅުވީ، ރައީސް ޑރ. ވަހީދަކީ އޭގެ ފަހުން އަބަދުވެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނެވި މެމްބަރެއް ކަމަށާއި ދެން އެމަނިކުފާނު މަސައްކަތް ކުރާނީ ކޯލިޝަންގެ ލީޑާޝިޕްގެ އިސްސަފުގައި އެ ޓީމުގެ މެމްބަރެއްގެ ގޮތުގައި ކަމަަށެވެ.
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ހަމަޖެއްސުމާއެކު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ، ގައުމު މިވަގުތު އޮތީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށާއި ރައްޔިތުން ތިބީ ވަރަކަށް ނިކަމެތި ހާލުގައި ކަމަށެވެ. އަދި އެ އަޑު އިއްވައި، އިދިކޮޅު ހަރަކާތްތައް ވަރުގަދަވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގައުމުގެ ހާލުގެ ދުލުން ބުނަން ޖެހޭ ބަސް ބުނުމުގައި މިއަދު މިވަނީ އަޑު މަޑުވެފައި. ގައުމުގެ ހާލުގެ ދޫ މަޑުވުމުގެ ސަބަބުން އެ ލިބޭ ހުސްކަމުގެ ތެރެއިން، އޭގެ ފަހަތުން އިވޭ ރުއިމުގެ އަޑު އަޅުގަނޑުމެންނަށް އިވޭ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ އަޅުގަނޑުމެންގެ އަޑު އުފުލަން،" ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަހީދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމަނިކުފާނު ވިދާޅުވީ، މިއަދު ދައުލަތުގެ މާލިއްޔާއިން ބޮޑު ބައެއް "ވާނުވާ ނޭނގޭ" ގޮތަށް ގެއްލިގެން ދާތަން ފެންނަމުންދާ ކަމަށެވެ. އެގޮތުން ބޮޑެތި އަދަދުން ބަދަލު ދިނުމުގެ ނަމުގައި ކުންފުނިތަކަށް ބަދަލުދީ، ފައިސާ އެކި ފަރާތްތަކަށް "ބައި އެޅެމުންދާ" ކަމަށް ރައީސް ޑރ. ވަހީދު ތުހުމަތު ކުރެއްވި އެވެ. އަދި ކޮވިޑް 19ގެ މި ދުވަސްވަރުގައި ވަރަށް ބޮޑަށް ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ ކުށްތައް އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެ ހުިރހާ ކަންބޮޑުވުންތަކުގެ އަޑުވެސް އުފުލަން ޖެހޭ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވި ގޮތުގައި ޕީޕީއެމް-ޕީއެންސީ ހަަރަކާތްތައް ހިންގުމުގައި އެމަނުކުފާނުގެ ބޮޑު ތަސައްވަރެއް އޮބައޮތެވެ. އެގޮތުން އޭނާގެ އުންމީދަކީ އިދިކޮޅު ކޯލިޝަންއަކީ ސަރުކާރު ޒިންމާދާރު ކުރެވޭނެ ވަރުގަދަ ސިޔާސީ ހަރަކާތައްކަށް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ތަސައްވުރަކީ މި ޕާޓީ އަކީ މިއީ އެންމެ ނިކަމެތި މީހާގެ ވެސް ހާލު ބަަލައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުން. އަދި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ރައްޔިތުންނާއި ނިކަމެތިންނާ ދޭތެރޭ އޮތް ގުޅުން މިހާރަށް ވުރެ ބަދަހިވެގެން ދިއުން،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.
ޑރ ވަހީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިހާރު ކުރިމަތިވެފައިވާ ކޮވިޑް19ގެ ވަބާއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ވަގުތު ކަމަށެވެ. އަދި ކުރިއަށް އޮތީ ދަތި ދުވަސްތަކެއް ކަމުން، މިވަގުތަަކީ ސިޔާސީ ލީޑަރުން އެބޭފުޅުންގެ އަމިއްލަ ޖަޒްބާތާއި އަމިއްލަ ސިޔާސީ އެޖެންޑާ ކުރިއަށް ނެެރެންވީ ވަގުތު ނޫން ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން އެކަކު އަނެކަކަށް އޮންނަ ހަސަދަ ވެރިކަމާއި ރުޅިވެރިކަން ފާޅުކުރަންވީ ވަގުތެއް ނޫން. މިއީ އަޅުގަނޑުމެން އެކުވެރިވާންވީ ވަގުތު. އެމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު،" ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.
"މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ސިޔާސީ ގޮތުން އެކިއެކި މަގާމުތަކާ ހަވާލުވާ މީހުން، ރާއްޖޭގެ ރައްޔިތުން ވެރިކަން ހަވާލުކުރާ އެކި ވަރުވަރުގެ ވެރިން މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން،"

ޑރ ވަހީދު އަދުރޭއާ ސަލާމް ކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސްކަމުގައި ހުންނެވުމަށްފަހު، ވެރިކަމަށް ވަޑައިގަތް ޑރ. ވަހީދު 2013 ވަނަ އަހަރުގެ ރިިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބަށް ފަހު ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވައެވެ. އޭގެ އަށް ވަރަކަށް އަހަރުން ފަހުން އެމަނިކުފާނު ސިޔާސީ ހަރަކާތްތަކަށް ނުުކުމެވަޑައިގެންނެވީ ދާދި ފަހުން އެމަނިކުފާނަށް އެމްޑިޕީ އެކްޓިސްވިސްޓަކު މަގުމަތިން ދިމާކޮށް ފުރައްސާރަކުރި މަސައްލަ މީޑިއާތަކުގެ ސަމާލުކަން ހޯދި ފަހުންނެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ، އަނެއްކާވެސް ސިޔާސީ ކަންކަމަށް ނުކުމެވަޑައިގަތީ، އެއްވެސް ކަހަލަ އަމިއްލަ އެދުމެއް ނެތި ކަމަށާއި ބޭނުންވަނީ ލިބޭ ފުރުސަތެއްގެ ބޭނުން ހިއްޕަވައިގެން ގައުމަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.