22 Jun 2020, 22:06
މިއަދު ކޮވިޑް-19 އަށް 14 މީހަކު ޕޮޒިޓިވްވިއިރު، އިތުރު 10 މީހަކު އެ ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ 18:00ން މިރޭ 18:00 އާ ހަމަޔަށް ކޮވިޑް-19އަށް އިތުރު 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިރޭ ޕޮޒިޓިވް ވި މީހުންނަކީ
08 ދިވެހީން
03 ބަންގްލަދޭޝް މީހުން
02 އިންޑިއާ މީހުން
01 ސްރީލަންކާގެ މީހެއް
މިރޭ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2217 އަށް އަރައިފަ އެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި އިތުރު 10 މީހަކު ވަނީ ބަލިން މިރޭ ރަނގަޅުވެފައެވެ. މިއާއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1813 އަށް އަރައިފަ އެވެ.
ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބައްޔަށް ފަރުވާ ދެވެމުން ދަނީ 391 މީހަކަށެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 140 މީހަކު ތިބި އިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 311 މީހަކުު އެބަ ތިއްބެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ނަގާފައި ވަނީ ޖުމްލަ 42،830 ސާމްޕަލްއެވެ. މީގެ ތެރޭގައި ތަކުރާރުކުރަން ޖެހުނު ސާމްޕަލްވެސް ހިމެނެއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހު ރިސޯޓަކުންނެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްއެއް ފެނިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ.
މި ކޭސްއާއިއެކު މާލެ ސިޓީ ގައި ފުރަބަންދުގެ ހާލަތު ވަނީ އިއުލާންކުރެވުނު ނަމަވެސް ދޮޅު މަަހެއްހާ ދުވަސް ފުރަބަންދުގައި ވޭތުކުރުމަށްފަހު ސަރުކާރުން ވަނީ ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭންފަށައިފަ އެވެ.
އެގޮތުން މިހާރު ފުރަބަންދުގެ ލުއިތަކުގެ ދެވަނަ މަރުހަލާގައި ފެށިފައިވާއިރު މި މަރުހަލާގައި މާލޭގައި އާންމު ފަރާތްތަކަށް ވަކި ގަޑިތަކެއްގައި ހުއްދައާ ނުލައި ބޭރަށް ދިޔުމަށް ވަނީ ހުއްދަ ދެވިފަ އެވެ.
މިއާއެކު އޮފީސްތަކުގެ މަސައްކަތްތައް ވަނީ ފަށައިފައެވެ. އަދި އޮފީސްތަކުގެ މުވައްޒަފުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މިންވަރު ދަނީ އިތުރުވަމުންނެވެ.
މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ އަށް މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސިންނެވެ.