22 Jun 2020, 19:56
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ހާއްސަ މަގާމެއް ދިނުމަށް ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމަވާފިއެވެ.
އެނގިފައިވާ ގޮތުގައި މިރޭ ޕީޕީއެމް ކައުންސިލްގެ ހާއްސަ ބައްދަލުވުމެއް ބެއްވުމަށް ވަނީ ތާވަލްކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި މުހިންމު ނިންމުމެއް ނިންމެވުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ޕީޕީއެމް-ޕީއެންސީގެ އިސް ލީޑާޝިޕްގައި ހިމެނިވަޑައިގަންވާ ބޭފުޅަކު "ސަން" އަށް ވިދާޅުވީ، މިރޭ އޮންނަ ކައުންސިލް ބައްދަލުވުމުގައި ޑރ. ވަހީދަށް ދެއްވާނެ މަގާމެއް ނިންމަވާނެ ކަމަށެވެ.
"ޑރ. ވަހީދަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް. މިރޭ އޮންނަ ބައްދަލުވުމުގައި ފައިނަލްވާނެ ޑރ. ވަހީދަށް ދެއްވާނެ މާގާމު. އެއަށްފަހު ޕާޓީގެ ހަރަކާތްތަކުގައި އިސްވެ އެމަނިކުފާނު މަސައްކަތް ކުރައްވަން ފައްޓަވާނެ،" އޭނާ ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ޑރ. ވަހީދަށް ދެއްވުމަށް މަޝްވަރާކޮށްފައިވަނީ އެ ޕާޓީގެ އެޑްވައިޒަރުކަމުގެ މަގާމެވެ. ނަމަވެސް އެކަން ޔަގީން ވާނީ މިރޭ ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ނިންމާ ނިންމުންނެވެ.
ކައުންސިލް ބައްދަލުވުމަށްފަހު، މިރޭ 9:00 ގައި ނޫސްވެރިންގެ ބައްދަލުވުމަކަށް ވަނީ ދައުވަތު ދީފައެވެ. ބެލެވޭ ގޮތުގައި ކައުންސިލް ބައްދަލުވުމުގެ ނިންމުން ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރާނެއެވެ.
ޑރ. ވަހީދު ވަނީ ޕީޕީއެމްއަށް ސޮއި ކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވެވަޑައިގަތުމަށްފަހު، އެ އަހަރު ، އަމިލައްފުޅު ޕާޓީ ގައުމީ އިއްތިހާދު އުވާލުމަށްފަހުއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ ދެއްވުމުން އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފހު، ވެރިކަމުގެ ބާކީ ދެއަހަރު ފުރިހަމަ ކުރެއްވިއެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވި އެވެ. ފުރަތަމަ ބުރުގައި ފަސް ޕަސަންޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވެ. ނަމަވެސް ސްޕްރީމް ކޯޓުން އެފަހަރު އިންތިހާބު ބާތިލު ކުރި އެވެ. އެފަހުން އެމަނިކުފާނު ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވަ އެވެ.
ޑރ. ވަހީދުގެ އަޑު ގަދަވެފައި މިވަނީ ދާދި ފަހުން އެމްޑީޕީ އެކްޓިވިސްޓަކު އެމަނިކުފާނަށް ހަޑި ހުުތުރު ބަހުން މަގުމަތިން ދިމާކޮށް، ފުރައްސާރަކޮށްފައި ވަނިކޮށެވެ. އެ މައްސަލަ ހޫނުވެ، އެމްޑީޕީ މަޖިލިސް މެމްބަރުން ވަނީ އެމަނިކުފާނަށް ދައުލަތުން ދެއްވާ އިނާޔަތްތައްވެސް ކަނޑާލުމަށް ގޮވާލާފައެވެ.