22 Jun 2020, 20:44
ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސިނާއަތުގައި ވަޒީފާ އަދާކުރަމުން އައި އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި އެފަރާތްތަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތުގެ މަތީން ދެ މަހަށްވުރެ ގިނަ ދުވަހު ބަންދުވެފައި ތިބެން ޖެހިފައިވާ ކަމަށެވެ.
އެއާއެކު އެތައް ހާސް ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ މުޅީން ހުއްޓި އެތައް ހާސް އާއިލާއެއް ބިކަ ހާލުގައި ޖެހިފައިވާ ކަމަށް އެ ކުއްލި މައްސަލައިގައި ބުނެފައިވާއިރު އެގޮތަށް ކަންތައް ވުމަށް މެދުވެރިވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދޯހަޅިކަމުން ކަމަށް ފާހަގަކޮށްފައިވެއެވެ.
އެގޮތުން އެ ކަންތައްތައް ހައްލުކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލައެއް ހުށަހަޅާ ކަމަށް ބުނެފައިވެއެވެ. އެ މައްސަލައިގައި ދެ ކަމެއް ހިމަނާފައިވެއެވެ.
އެގޮތުން ފުރަތަމަ ކަމަކީ ރާއްޖޭގެ އެންމެހާ ސިނާއަތްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާ ކޮށްގެން އާމްދަނީއެއް ލިބެން ފެށުމާއި ހަމައަށް އެފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުގެ އިންތިޒާމްތައް ހަމަޖެއްސުމެވެ.
ދެވަނަ ކަމަކަށް އެ ކުއްލި މައްސަލައިގައި ހިމަނާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރިބައުންޑް ކުރުމަށް ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ގާއިމުކޮށް ދިނުމަށާއި އަދި އެކަމަށްޓަކައި ބިއުރޯއެއް އުފެއްދުމަށެވެ.
އަދި އެ ހުރިހާ މައްސަލައެއް މިހާރުން މިހާރަށް ބަލައިދިނުމަށްވެސް ޖާބިރުގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.