ފާއިތުވި ހަފްތާގެ ތެރޭގައި ކޮވިޑް-19ގެ އިތުރު އެއް މިލިއަން ޕޮޒިޓިވް ކޭސް ފެނި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ނުވަ މިލިއަނަށް އަރައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19ގެ ދެވަނަ ވޭވް ފެންނަން ފަށާފައިވާއިރު އެ ވައިރަސްގައި މަރުވި މީހުންގެ އަދަދު ވަނީ 470،000 އިން މައްޗަށް މިހާރު އަރާފައެވެ.

ވައިރަސްގެ އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް އަދިވެސް އެމެރިކާއިން ފެނިފައިވި ނަމަވެސް އިންޑިއާއިން މިހާރު ދަނީ ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުންނެވެ.

ބައެއް ތަފާސްހިސާބުތަކުން ދައްކާގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް މިއަންނަ ހަފްތާގެ ތެރޭގައި 10 މިލިއަނަށް އަރާނެއެވެ. އަދި ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދުވެސް އަންނަ ހަފްތާގެ ތެރޭގައި 500،000އަށް އަރާނެ ކަމަށް ބައެއް ތަފާސްްހިސާބުތަކުން ދައްކައެވެ.

ދުނިޔެއިން ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ މިވަގުތު އެމެރިކާ އެވެ. އެގައުމުން ވައިރަހުގެ 2.3 މިލިއަން ކޭސް ފެނިފައިވާއިރު އެ ވައިރަސް ޖެހިގެން އެމެރިކާއިން ވަނީ 122،000 އަށްވުރެ ގިނަ މީހުން މަރުވެސް ވެފައެވެ.

އެމެރިކާއަށް ފަހު ދެން ވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ބްރެޒިލް އާއި ރަޝިއާގަ އެވެ. އެގޮތުން ބްރެޒިލް އިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައިވާއިރު ރަޝިއާގައި އެ އަދަދު 600،000 އާ ގާތްކުރަނީއެވެ.